1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް މިރޭ ރާއްޖެ އަތުވެއްޖެއެވެ.

މިރޭ އައި ފުރަތަމަ ގްރޫޕްގައި 241 ދިވެހި ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

Ad
rt

ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަންފަށާފައިވާއިރު، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ.

ހައްޖު މިޝަނުން ހާމަކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު، ދެވަނަ ފްލައިޓު އަންނާނީ މި މަހުގެ 7 ވަނަ ދުވަހުގެ 17:40 ގައެވެ. ތިންވަނަ ފްލައިޓު 8 ވަނަ ދުވަހުގެ 14:00 ގައި އައުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހު ފްލައިޓު ރާއްޖެ އަންނާނީ 9 ވަނަ ދުވަހުގެ ދަންވަރު 12:00 ގައެވެ.

ޙައްޖުގެ އަޅުކަމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އަންނައިރު، ހައްޖާޖީން އަންނަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ދަތުރުވެރިންނާއި ޙައްޖާޖީން އަދި ޙައްޖާޖީން ބަލައި ގިނަ ބަޔަކު އެއާޕޯޓަށް ދާނެތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއޭސީއެލްއިން ވަނީ ކުރިން އިލްތިމާސްކޮށްފައެވެ. މި ދުވަސްތަކުގައި އެ އައާޕޯޓުގެ ޕާކިންގެ އިތުރުން އެއާޕޯޓުގެ ޓްރެފިކަށްވެސް ބާރުބޮޑުވާނެތީއާއި، އެހެންކަމުން އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ ފަރާތްތަކުން ފެރީ ނުވަތަ އެއަރޕޯޓުގެ ބަސް ބޭނުންކުރުމަށް އެމްއޭސީއެލުން ވަނީ އެދިފައެވެ.

މިއަހަރު ވެސް ރާއްޖެއަށް ލިބުނީ މިދިޔަ އަހަރުތަކެކޭއެއްގޮތަށް 1000 ރަސްމީ ކޯޓާއެވެ. މިއަހަރު ރާއްޖޭގެ ހައްޖުވެރިން ސައޫދީއަށް ފުރަން ފަށާފައި ވަނީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުއެވެ.