މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރީންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ، މުޖުތަމަޢުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާން ރަނގަޅުކުރުމަށްޓަކައި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމީ ހިދާޔަތުގެ މަތީގައި ތިބެ، އެއްބައިވަންތަކަމާއި ރިވެތި އަޚުލާޤުގެ ސިފަތައް ދަމަހައްޓަމުން އައި ބަޔަކަށް ވީނަމަވެސް، މިއަދު ގައުމުގެ ހާލަތަށް ބަލާއިރު ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ވަކީން ޚާއްޞަކޮށް މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާކަން ޚުޠުބާގައި ވަނީ ބުނެފައެވެ.
މުންކަރާތްތައް ނަހީކުރުމުގައި ކޮންމެ ފަރުދަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ޒިންމާ އަދާކުރަންޖެހޭނެކަން ހަނދާންކޮށްދެމުން، ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ޚުޠުބާގައި ނަކަލުކޮށްފައިވެއެވެ. އެއީ މުންކަރާތެއް ފެނިއްޖެނަމަ އަތުން ނުވަތަ ދުލުން، އެހެން ނޫންނަމަ ހިތުން އެކަމަށް އިންކާރުކުރުމެވެ. އަދި ނުބައިކަންތައްތަކަށް ރުހިގެން ހުންނަ މީހާގެ ހިތުގައި އީމާންކަމެއް ނުވާކަމަށް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވާ ބަސްފުޅުވެސް ޚުޠުބާގައި ފާހަގަކޮށްފަވެއެވެ.
މުޖުތަމަޢުގެ ހާލަތާއި ގުޅޭގޮތުން ޚުޠުބާގައި ދެއްވި މިސާލަކީ ނަވެއްގައި ދަތުރުކުރާ ބައެއްގެ މިސާލެވެ. ނަވުގެ އަޑީގައި ތިބި މީހުން ފެން ހޯދުމަށްޓަކައި ނަވުގެ އަޑީ ތަންގަނޑެއް ފޫވައްޓާލަން އުޅޭއިރު، އެކަން ހުއްޓުވައިފިނަމަ ނަވުގައި ތިބި އެންމެން ސަލާމަތްވާނެ ކަމަށާއި، ނުހުއްޓުވައިފިނަމަ އެންމެން ހަލާކުވެގެންދާނެކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
އިމާމް ޣަޒާލީގެ ބަސްފުޅަކަށް ރިޢާޔަތްކޮށް ޚުޠުބާގައި ބުނީ، ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުން ހުއްޓާލައިފިނަމަ، މުޖުތަމަޢުގައި ފަސާދަ ޢާންމުވެ، ރަށްތައް ޚަރާބުވެ، ހަލާކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
މުޖުތަމަޢު އިޞްލާޙުކުރުމަށް އެންމެހައި ފަރާތްތަކުން އަތުގުޅާލުމަށް ހުތުބާގައި ގޮވާލާފައިވާއިރު، މިގޮތުން މައިންބަފައިން ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމަށާއި، މުދައްރިސުން ނަމޫނާ ބަޔަކަށް ވުމަށާއި، ދީނީ ޢިލްމުވެރިން އިރުޝާދު ދެއްވުމަށާއި، އަދި މަސްއޫލުވެރިން ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް އިލްތިމާސްކުރިއެވެ. މި އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، ރާއްޖެއަކީ އަމާން އަދި ތަހުޒީބު މުޖުތަމަޢަކަށް ވާނެކަމަށް ޚުޠުބާގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!