ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން 13 ސެޕްޓެމްބަރު 2026 (2 ރަބީޢުލްއާޚިރު 1448) ގައެވެ.

Ad
rt

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޔާސިރު އައްދައުސަރީއަށް މިހާރު ދައުވަތު ފޮނުއްވާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް ބާއްވާ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ބައިވެރިވުމުގެ ފުރުޞަތާއި އިންތިޒާމުތައް

މި މަހާސިންތާގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އިން ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ރާއްޖޭގެ ޒުވާން ޙާފިޒުން ބައިވެރިވާނެއެވެ. އަތޮޅުތަކުގައި ތިބި ޒުވާން ޚަޠީބުންނަށް މާލެ އައުމުގެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާތަނަށް ރާއްޖޭގެ ޙާފިޒުންގެ ދަފްތަރުގައި 307 ޙާފިޒުން ތިބިއިރު، ޒުވާން ޚަޠީބުންގެ އަދަދަކީ 532 އެވެ. މިނިސްޓްރީގެ އަމާޒަކީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ކުރިން 1000 ޚަޠީބުން ތަމްރީންކޮށް ނިންމުމެވެ.

ވަޒީރު ވަނީ މި މަހާސިންތާއަށް މިހާރުން ފެށިގެން ތައްޔާރުވުމަށް ޒުވާން ޚަޠީބުންނަށް އިރުޝާދު ދެއްވާފައެވެ.

"ޒުވާން ޚަޠީބުން މި މަހާސިންތާއަށް މިހާރުން ފެށިގެން ތައްޔާރުވުން އެދެން. އިމާމުކަމުގެ ހެދުންކޮޅާއި ތާކިހާކޮޅު ތައްޔާރުކުރެއްވުން އެދެން،" ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މަސްތެރޭގައި ހުޅުވާލަން ވަނީ ނިންމާފައެވެ.

ތާރީޚީ ފަސްމަންޒަރު

ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހަކީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548 ވަނަ އަހަރު (މީލާދީން 1153) އެވެ. އެއީ އޭރު ރަސްކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނު (އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲ) އިސްލާމްދީން ޤަބޫލުފުޅު ކުރެއްވި ތާރީޚެވެ.

ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ރަސްމީކޮށް ފާހަގަކުރަން ފެށީ 1954 ވަނަ އަހަރުއެވެ. މެދުކެނޑުމަކަށްފަހު އަލުން މި ދުވަސް ފާހަގަކުރަން ފެށީ 2000 ވަނަ އަހަރު، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ މަޤްޞަދުގައެވެ.