އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ މެންބަރަކަށް ރާއްޖެ ވީތާ 60 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އީކޯސޮކް) ގެ މެންބަރުކަމަށް ރާއްޖެ އިންތިޚާބުވެފައިވާއިރު، އީކޯސޮކްގައި ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސް ޑރ.މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ މުޅި ގައުމަށް ލިބުނު ފަޚުރުވެރި އަދި ތާރީޚީ ކުރިއެރުމެއް ކަމަށެވެ. އަދި މި ކާމިޔާބީން ދޭހަކޮށްދެނީ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއަށް ކުރާ އިތުބާރާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ބިނާކުރަނިވި ސިޔާސަތުތައް ބަލައިގަންނަކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބި ގައުމުތަކަށް ކުރިމަތިވާ ދަތިތައް ރާއްޖެއަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އީކޯސޮކްގައި ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބައިވެރިންނާއެކު ބައިނަލްއަގުވާމީ އެއްބާރުލުން ވަރުގަދަކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އީކޯސޮކް މެދުވެރިކޮށް އިންސާފުވެރި މާލީ ނިޒާމެއް ގާއިމުކުރުމަށާއި، ހަރުދަނާ ނަތީޖާތަކެއް ނެރުމަށް ބާރުއަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ ފުރަތަމަ ފަހަރަށް އދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސްގެ މެމްބަރަކަށް
ރާއްޖެ އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ (އީކޯސޮކް) މަޖިލީހަށް އިންތިޚާބުވެފައިވަނީ 2027 އިން 2029 ގެ ދައުރަށެވެ. މިއީ 1965 ވަނަ އަހަރު ރާއްޖެ އދ. ގެ މެމްބަރަކަށް ވުމަށްފަހު، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި މި މަޖިލީހުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
އދ. ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މި އިންތިޚާބުގައި ރާއްޖެއިން ގޮނޑި ކާމިޔާބުކުރީ 183 ގައުމެއްގެ ބޮޑު ތާއީދަކާއެކުގައެވެ. ރާއްޖޭގެ ތިން އަހަރުގެ ދައުރު ރަސްމީކޮށް ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!