އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ އަހަރުގެ ދައުރަށް ދިވެހިރާއްޖެ މިއަދު އިންތިޚާބުވެއްޖެއެވެ.
މިއީ 1965 ވަނަ އަހަރު ރާއްޖެ އދ. ގެ މެމްބަރަކަށް ވުމަށްފަހު، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި މި މަޖިލީހުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އދ. ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މި އިންތިޚާބުގައި ރާއްޖެއިން ގޮނޑި ކާމިޔާބުކުރީ 183 ގައުމެއްގެ ބޮޑު ތާއީދަކާއެކުގައެވެ. ރާއްޖޭގެ ތިން އަހަރުގެ ދައުރު ރަސްމީކޮށް ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ.
އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާއެކު ދެން އިންތިޚާބުވީ މެލޭޝިއާ އާއި ރިޕަބްލިކް އޮފް ކޮރެއާއެވެ.
މި ކާމިޔާބީއާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވިދާޅުވީ، މިއީ ގައުމަށް ލިބުނު ފަޚުރުވެރި އަދި ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.
"މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއް. އަދި ރާއްޖެއަށް ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ކުރާ މަސައްކަތް ބަލައިގަތުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވީ، އިކޮސޮކަށް ރާއްޖެ އިންތިޚާބުވުމަކީ ލިބުނު ޝަރަފެއްގެ އިތުރުން ބޮޑު ޒިންމާއެއް ކަމަށެވެ. ރާއްޖޭގެ ދައުރުގައި، ހުރިހާ މެންބަރު ގައުމުތަކާ ގުޅިގެން، އިކޮސޮކަކީ އަމަލީ ނަތީޖާ ނެރެދޭ އަދި ހައްލުތައް ހޯދައިދޭ ކައުންސިލަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިކޮސޮކްއަކީ އދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. މި މަޖިލީހަކީ އިގްތިސާދީ އަދި އިޖުތިމާއީ އެކި މައްސަލަތަކުގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރާ އެންމެ މަތީ މަޖިލީހެވެ. ރާއްޖެ މި މަޖިލީހަށް އިންތިޚާބުވުމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ތަރައްޤީއަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ރާއްޖެއިން ކުރާ ވަކާލާތަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރާ އިތުބާރު ދޭހަކޮށްދޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!