ށ. ފަރުކޮޅު ހިމާޔަތްކޮށްފައިވާ ސަރަޙައްދުގެ ޑީޓެއިލްޑް ކޮންސެޕްޓް އަދި މާސްޓަރ ޕްލޭން އެކުލަވާލާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މިއަދު ޢިއުލާންކޮށްފިއެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތަށް ކުރިމަތިލުމަށް 19 މޭގައި ކުރި އިޢުލާނާއި، އެ އިޢުލާނާއެކު އޭޓޭޗްކުރެވިފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) އަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

Ad
rt

އިސްލާހުކުރެވުނު ތާވަލާ އެއްގޮތަށް ބީލަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 10 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ 10:05 ގައެވެ. މި މަސައްކަތާ ގުޅޭ އިސްލާހުކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް މިހާރު ވަނީ އިޢުލާނާއެކު ޢާންމުކޮށްފައެވެ.

ށ. ފުނަދޫގެ އުތުރުން، އެ ރަށާ އެއްފަޅެއްގައި އޮންނަ ފަރުކޮޅަކީ ގުދުރަތީގޮތުން ހިތްގައިމު ސިފަތަކެއް ލިބިފައިވާ ވަރަށް ރީތި ރަށެކެވެ. މި ރަށަކީ ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ 7 އޮކްޓޯބަރ 2018 ގައެވެ.

އާދަޔާ ހިލާފް ރީތި ގުދުރަތީ ވެއްޓެއް ލިބިގެންވާ ފަރުކޮޅުގައި ތަފާތު ހަތް ކުޅިއެއް ހިމެނެއެވެ. މީގެ އިތުރުން އެ ރަށުގެ ބޮޑު ސަރަހައްދެއްގައި ޗަސް ބިން އޮންނައިރު، މިއީ ދިރޭތަކެތީގެ ނަސްލު މުއްސަނދި ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީ ކުރުމަށް ވެސް ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. ޓޫރިޒަމް އެންޑް އެނަ އެންވަޔަރަންމަންޓް މިނިސްޓްރީން 20 މެއި 2025 ގައި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެވެ.