އެމެރިކާއާއި އިސްރާއީލް ހިމެނޭހެން އީރާނުގެ ދުޝްމަނުން ވަނީ ހަނގުރާމައިގެ މައިދާނުގައި ބަލިވެފައި ކަމަށް އީރާނުގެ އިސް ލީޑަރ މުޖުތަބާ ޚާމަނާއީ މިއަދު ވިދާޅުވެއްޖެއެވެ.
ޚާމަނާއީ ލިޔުމަކުން ފޮނުއްވާފައި މެސެޖެއް އިމާމް ޚުމައިނީ އަވަހާރަވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިއްވާފައިވާއިރު، ޚާމަނާއި ވަނީ އީރާނުގެ ދުޝްމަނުން ވަނީ ހަނގުރާމައިގެ މައިދާނުގައި ބަލިވެފައި ކަމަށް ވިދާޅުވެފަވެއެވެ.
އޭނާ ވިދާޅުވީ، އަސްކަރީ ގޮތުން ކުރިމަތިވި ނާކާމިޔާބީއާއި ލަދުވެތިކަމަށްފަހު، ދުޝްމަނުން މިހާރު ވަނީ އާ މަރުހަލާއަކަށް ބަދަލުވެފައި ކަމަށެވެ. އެގޮތުން އީރާނުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި، މާޔޫސްކަމާއި އިތުބާރު ނެތްކަން ފެތުރުމަށް ދުޝްމަނުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ދުޝްމަނުން މިހާރު މަސައްކަތް ކުރަމުންދަނީ އީރާނުގެ ރައްޔިތުންގެ ސާބިތުކަން ގެއްލުވާލައި، އެތެރޭގެ ބައިބައިވުން އުފެއްދުމަށް،" ޚާމަނާއީގެ މެސެޖުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ގައުމީ އެއްބައިވަންތަކަމަށް ގޮވާލައްވައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަކީ ދުޝްމަނުންނަށް ލިބޭ އެހީތެރިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ބަޔާނަކީ 2025 އާއި 2026 އާ ދެމެދު ހިނގި ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކަށްފަހު އީރާނުން ގެންގުޅޭ ސިޔާސަތުގެ ބައެކެވެ. އެ ހަނގުރާމައިގައި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އަސްކަރީ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ހަނގުރާމައިން އީރާނު ބަލިކުރެވިފައެއްނުވެއެވެ. އަދި އެމެރިކާ އާއި އިސްރާއީލް ބޭނުންވި ގޮތަށް އީރާނުގެ ވަސީލަތްތަކަށް އަތްގަދަކޮށް، އީރާނުގެ ވެރިކަން ބަދަލުކުރެވިފައެއް ވެސް ނުވެއެވެ.
މި ހަނގުރާމައިގައި ހުރިހާ ފަރާތްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާރު އޮތް ހަމަހިމޭންކަމަކީ ވަރަށް ނާޒުކު ހާލަތެއްގައި އޮތް ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
މުޖުތަބާ ޚާމަނާއީ އީރާންގެ އިސް ލީޑަރުކަމާއި ހަވާލުވެވަޑައިގަތީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާއެއްގައި އޭނާގެ ބައްޕަ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!