ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މާލީ އަދި އިގްތިސޯދީ ސިޔާސަތުތަކަށް ބައިނަލްއަގްވާމީ މުޖުތަމައުން އޮތް އިތުބާރު ހާމަވާ ކަމެއް ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނެފިއެވެ.
ފިޗް އިން ވަނީ ރާއްޖޭގެ ރޭޓިން "ސީސީ" ގިންތިން "ސީސީސީ-" އަށް މަތިކޮށްފައެވެ.
މިކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ފުން އަނދަވަޅެއްގައި ކަމަށެވެ. އެގޮތުން ދަރަނިތައް އަދާނުކުރެވިދާނެ ކަމުގެ ބިރު އޮތުމާއި، ބޭރުގެ ބާޒާރުތަކުން ފައިސާ ހޯދުމުގައި ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން އެ ޕާޓީން ބުނެފަވެއެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އިންވެސްޓަރުންގެ އިތުބާރު އަލުން އިއާދަވަމުންދާ ކަމަށް ބަޔާނުގައިވެއެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ބޭރުފައިސާއާ ބެހޭ އާ ގާނޫނެއް ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރުފައިސާގެ ވަކި މިންވަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައެވެ. މީގެ އިތުރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް) ބޭރުފައިސާ ޖަމާކުރަން ފެށުމަކީވެސް މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޕީއެންސީން ފާހަގަކުރެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް ރަސްމީ ރިޒާވްގައި 1.3 ބިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، އެސްޑީއެފްގައި 500 މިލިއަން ޑޮލަރު ރައްކާކުރެވިފައިވެއެވެ. އަދި އިންޑިއާގެ ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕާއި، 2019 ވަނަ އަހަރު ނެގި ސުކޫކުގެ ތެރެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައުލަތުގެ އަމިއްލަ ބާރުވެރިކަމުގައި ދައްކާފައިވާކަންވެސް އެ ޕާޓީން ފާހަގަކުރިއެވެ.
''އެއް ދަރަޖައިގެ މިކުރިއެރުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް ރާއްޖޭގެ މާލީ ހާލަތާއި ސަރުކާރުގެ މާލީ އަދި އިގްތިސާދީ ސިޔާސަތާމެދު މާލީ އިދާރާތަކާއި އެކުވެރި ދައުލަތްތަކުގެ އިތުބާރު ދަލީލުކުރާ ވަރުގަދަ ހެއްކެެއް'' ޕީއެންސީގެ ބަޔާނުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!