ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓް ގްރޫޕްގެ މެމްބަރުންނަށް ފައިސާ ބަހަމުންދާ ކަމަށް ނޫހަކުން ގެނެސްދީފައިވާ ޚަބަރަކީ ދޮގެއް ކަމަށާއި، އެ ބޭފުޅުންނަށް ވެސް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެމްބަރުންނަށް ވެސް ލިބޭ އުސޫލުން މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ ޕީއެންސީ ޕާލަމެންޓް ގްރޫޕަށް ފައިސާ ބަހައިފި ކަމަށް ބުނެ 'އަދަދު' ނޫހުން ފަތުރާފައިވަނީ ހަގީގަތާ ހިލާފު ދޮގު ޚަބަރެއް ކަމަށެވެ.
PNC ޕާލަމެންޓް ގްރޫޕަށް ފައިސާ ބަހައިފި ކަމަށް ޢަދަދު ނޫހުން ވިދާޅުވެފައިވާ ޚަބަރަކީ ދޮގު ޚަބަރެއް.PNC ޕާލަމެންޓް ގްރޫޕް މެމްބަރުންނަށް ލިބެނީ MDP އާއި އެހެނިހެން މެމްބަރުންނަށް ލިބޭގޮތަށް ލިބޭ މަޖިލީހުގެ މުސާރަ.PNCPG މެމްބަރުންނާ ގުޅޭގޮތުން މިގޮތައް ފަތުރާ ދޮގު ޚަބަރުތައް…
— Ibrahim Shujau (@IbrahimShujaau) May 30, 2026
ޕީއެންސީގެ މެމްބަރުންނާ ގުޅޭގޮތުން ފަތުރަމުންދާ މިފަދަ ދޮގު ޚަބަރުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި ދޮގު ޚަބަރު ފަތުރައި، ފިތުނަ އުފައްދައިގެން ޕީއެންސީގެ ޕާލަމެންޓް ގްރޫޕް ރޫޅާލެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުމުގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!