ފްރާންސްގެ ހެލްތު މިނިސްޓްރީން މަޝްހޫރު 'ޒިން' (Zyn) ޕައުޗް ހިމެނޭހެން ނިކޮޓިން އެކުލެވޭ ގިނަ އުފެއްދުންތަކެއް މަނާކޮށްފިއެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރުގެ ބޮޑު ޖޫރިމަނާއެއް އަތުވެދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިންޒާރު ދީފައެވެ.
މި މަނާކުރުން އަމާޒުކޮށްފައިވަނީ އަނގައިގެ ޒަރީއާއިން ބޭނުންކުރާ ނިކޮޓިން ޕައުޗްތަކާއި ގަމް ލޮޒެންޖަސް ފަދަ ތަކެތި ބޭނުންކުރުމާއި، ހޯދުމާއި، ގެންގުޅުމާއި އަދި ވިއްކުމަށެވެ. މި ގާނޫނާ ހިލާފުވާ ފަރާތްތައް 436,600 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށްލުމުގެ އިހުތިޔާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ. އޭޕްރީލް 1 އިން ފެށިގެން އަމަލުކުރަން ފެށި މި ގަވާއިދުގައި ސިނގިރޭޓާއި ވޭޕް ހިމެނިފައެއް ނުވެއެވެ.
ފްރާންސްގެ ސިއްހީ ވުޒާރާއިން ނިކޮޓިންއަކީ ވިހަ މާއްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޭގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކަށް ރިއާޔަތްކޮށްފައެވެ. މީގެ ތެރޭގައި ދާއިމީކޮށް ދެވިހިފުމާއި، 'އެކިއުޓް ނިކޮޓިނިކް ސިންޑްރޯމް' ފަދަ ހާލަތްތައް ހިމެނެއެވެ. މީގެ ސަބަބުން ގިނަ ވަގުތު ހޮޑުލެވި ހަށިގަނޑުން ފެންމަދުވުމާއި، ފިޓުޖެހުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.
ނިކޮޓިން ޕައުޗްތަކަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބަދަލުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ޔޫރަޕާއި އެމެރިކާގައި މަގުބޫލުކަން ހޯދާފައިވާ އެއްޗެކެވެ. ނަމަވެސް، ފްރާންސްގެ އެޖެންސީ ފޯ ފުޑް، އެންވަޔަރަންމަންޓް އެންޑް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް މި އުފެއްދުންތައް އިޝްތިހާރުކޮށް ޒުވާނުންނަށް އަމާޒުކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ނިންމުމާ ގުޅިގެން ސްވިޑަންގެ ޓްރޭޑް މިނިސްޓަރު ބެންޖަމިން ޑޫސާ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ ސްވިޑަންގައި ފްރާންސްގެ ބެގެޓް ނުވަތަ ވައިން މަނާކުރުން ފަދަ ކަމެއް ކަމަށާއި، މިއީ ވަރަށް 'އަބްސާޑް' ނުވަތަ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް މިފަދަ ޕައުޗްތައް މަނާކުރި ނަމަވެސް، ފްރާންސަކީ މިއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅި ފުރަތަމަ ގައުމެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޭނުންކުރާ ބައެއް ބާވަތްތަކުގެ ނިކޮޓިން ގަމްތަކާއި އިންހޭލާ ފަދަ މެޑިކަލް ޑިވައިސްތައް މި މަނާކުރުމުގެ ތެރެއަކު ނުހިމެނެއެވެ.
ފްރާންސް ސަރުކާރުގެ އަމާޒަކީ އާންމު ސިއްހަތު ރައްކާތެރިކުރުމާއި، ހާއްސަކޮށް ޒުވާނުން ނިކޮޓިންއަށް ދެވިހިފުމުން ސަލާމަތްކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!