ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރޭގައި ނުހިނގާނެ ކަމަށާއި، އެ ޕާޓީން އެންމެ ފަހުން ބޭއްވި ސެނެޓް ބައްދަލުވުމަށް އެމަނިކުފާނު ވަކި ކަމެއް ހުށަހަޅުއްވާފައި ނުވާ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހު މިހެން ވިދާޅުވީ، ޕީއެންސީގެ ރައީސް ޑރ. މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް އެ ޕާޓީގެ ސެނެޓުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއުކުރި ޚަބަރަކާ ގުޅިގެން، އެ ޚަބަރު ދޮގުކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަލާހް ވިދާޅުވީ ރައީސް މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕީއެންސީގެ ސެނެޓްގައި ނުވަތަ ލީޑަރޝިޕްގައި ވެސް ނުހިނގާނެ ކަމަށެވެ.
"އެއަށްވުރެ ރައީސް މުޢިއްޒު ދެކެ އަޅުގަނޑުމެން އެންމެން މާ ލޯބިވޭ، އެމަނިކުފާނަށް އަޅުގަނޑުމެން އެންމެން މާ އިތުބާރުކުރަން،" ފަލާހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް އަބަދުވެސް އިސްކުރައްވަނީ ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތައް ކަމަށާއި، މަޝްވަރާގެ ރިވެތި ސިފަ އެމަނިކުފާނު ގެންގުޅުއްވާކަން ފަލާހް ފާހަގަކުރެއްވިއެވެ.
ނިމިގެންދިޔަ ސެނެޓް ބައްދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، އެ ބައްދަލުވުމުގައި ރައީސް ވަކި ކަމެއް ވަކި ގޮތަކަށް ކުރައްވާކަށް ހުށަނާޅުއްވާ ކަމަށެވެ. އަދި މުޅި ބައްދަލުވުމުގައިވެސް ހުރިހާ ކަމެއް ހުށަހެޅުއްވީ ސެނެޓް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމެވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޚަބަރަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ، ބައެއް ފަރާތްތަކުން ފައިސާ ދީގެން ނޫސްވެރިން ލައްވާ ބޮޑެތި ދޮގު ވާހަކަތައް ލިޔުއްވަމުން ގެންދާކަން މިކަމުން ސާފުވާ ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި މުޅި ގައުމުގެ ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ވެރިކަން ކުރައްވާ ހަމައެކަނި ރައީސް ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!