ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޕްރޮގްރާމެއް ދައުލަތުގެ މީޑިއާއިން މިރޭ ގެނެސްދޭން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ޕްރޮގްރާމަށް ދީފައި ނަމަކީ "ނޭޝަން ޗެޓް" އެވެ. މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑް މިރޭ 9:00 ގައި އެސްއެމް ނިއުސްގެ އިތުރުން ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުން ވެސް ބްރޯޑްކާސްޓް ކުރާނެކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޕީއެސްއެމުން ބުނިގޮތުގައި މިރޭ ދައްކާ ފުރަތަމަ އެޕިސޯޑުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ޤައުމުގެ ތަރައްގީ އާއި ޞިއްޙީ ދާއިރާ އާއި އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން ވަޠަނީ ޚިދުމަތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ހިއްސާކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އެގޮތުން، ނޫސްވެރިންގެ ހުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށާއި ރާއްޖޭގައި އެއިރެއްގައި ސަރުކާރުން ހާމަކުރަން ހުރި ކަންކަން ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކޮންމެ ހަފުތާއެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މެދުވެރިކޮށް ނޫސްވެރިން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކޮންމެ ހަފުތާއަކު "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައިވެސް ޚާއްސަ ޕްރޮގްރާމެއް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!