މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު، ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައިވަނީ 2026 މެއި 20 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

Ad
rt

ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ މި ގައިދީ ފިލި މައްސަލަ އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވަނީ އެ ރޭގެ ވަގުތެއްގައެވެ. މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންނެވެ.

މި ފަދަ މައްސަލައެއް މިދިޔަ ހަފުތާގައި ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން، މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށް މި މަހުގެ 13 ވަނަ ދުވަހު ވަނީ ފިލާފައެވެ. އޭނާ ފިލައިގެން އުޅޭތާ ފަސް ދުވަސް ފަހުން، މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ އޭނާ ހޯދައި އަލުން ބަންދަށް ގެންގޮސްފައެވެ.

މީގެ އިތުރުން، މި މަހުގެ ކުރީކޮޅު ވެސް ގއ. ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލި ހާދިސާއެއް ހިނގާފައިވެއެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން އެ މީހާ ވެސް ވަނީ އަލުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފަހަކަށް އައިސް ބަންދުގައި ތިބޭ މީހުން ފިލާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.