ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ނިންމެވި ނިންމެވުމަކީ، ހައްސާސް ޙާލަތެއްގައި އިޤުތިޞާދީ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގެ އަމިއްލަ ޤާބިލިއްޔަތު އިތުރުވެގެންދިޔަ ޙިކުމަތްތެރި ނިންމެވުމެއް ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މާރިޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 22.5 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެޕްރީލް މަހު މި ނިސްބަތް 26.5 އިންސައްތައަށް ދަށަށް ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް ފަތުރުވެރިން އައި ނިސްބަތް ހުރީ 8.9 އިންސައްތައިގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދަ ދަތި ޙާލަތެއްގައި ފަތުރުވެރިކަން ދަށަށްދާ މިންވަރުގެ ފަރަގު މިހާ ބޮޑަށް ކުޑަކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ ކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކާއި، މުއައްސަސާތަކުގެ އިތުރުން ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާޢަތުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅުގެ ނަތީޖާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާއްޞަކޮށް މޯލްޑިވިއަންއަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމުގެ މަސައްކަތަކީ، ބޭރުގެ އެކި ޙާލަތްތަކުގެ ސަބަބުން ކުރިމަތިވާ އިޤުތިޞާދީ ލޮޅުންތަކުން ސަލާމަތްވުމަށް ރާއްޖޭގެ އަމިއްލަ ބާރުވެރިކަން އިތުރުކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު އަދި ކޮމިޓީގެ ޗެއަރ، މޫސާ ޒަމީރު ވަނީ، ތެލާއި، ކާޑާއި، އަސާސީ މުދާ، ދަތިކަމެއް ނެތި ފޯރުކޮށްދެއްވުމަށް މަސައްކަތްތައް ކުރައްވަމުންގެންދަވާކަމުގައި ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!