މިދިޔަ އޭޕްރިލް ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، އެ އިންތިޚާބުގައި އެއްވަރުވެގެން ވޯޓުނެގި ރަށްތަކުން އިންތިޚާބުވި މެމްބަރުން މިއަދު މަގާމުގެ ހުވާކޮށް ރަސްމީކޮށް މަގާމާއި ހަވާލުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބުވި މެމްބަރުންގެ ހުވާކުރުން މިއަދު ހެނދުނު 10:10 އިން ފެށިގެން މެންދުރުފަހު 15:00 ހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު، ހުވާކުރުުމަށްފަހު ސިޓީތަކުން ޑެޕިއުޓީ މޭޔަރުން ހޮވުމާއި، ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ ކައުންސިލް ބައްދަލުވުންތައް ވެސް އަންނަނީ ބާއްވަމުންނެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނިގޮތުގައި 5 ވަނަ ދައުރުގެ ކައުންސިލަރުންގެ ގޮތުގައި އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުންގެ ޢަދަދަދަކީ 678 އެވެ. މީގެ ތެރެއިން 677 ކައުންސިލަރުން އިންތިޚާބުކޮށްފައިވާއިރު، މިއަދު ހުވާކޮށްފައި ވަނީ 676 ކައުންސިލަރުންނެވެ.
5 ވަނަ ދައުރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ ކޮމިޓީ)ގެ މެންބަރުންގެ ގޮތުގައި 678 މެމްބަރުން އިންތިޚާބުކުރަންޖެހޭއިރު، މިހާތަނަށް އިންތިޚާބުކޮށްފައި ވަނީ 673 މެމްބަރުންނެވެ. މީގެ ތެރެއިން މިއަދު ހުވާކުރި މެމްބަރުންގެ އަދަދަކީ 662 އެވެ.
19 އޭޕްރިލްގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާންމުކުރި މައުލޫމާތުގައިވާގޮތުން އިންތިޚާބުވި ޖުމްލަ 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުންނަކީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓުންނެވެ. ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީއަށް 563 ގޮނޑި ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި 169 ކެންޑިޑޭޓަކު ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.
ޕީއެންސީން ކާމިޔާބުކުރި ގޮނޑިތަކުގެ ތެރޭގައި ރަށު ކައުންސިލްގެ 75 ރައީސުންނާއި، އަންހެނުންނަށް ޚާއްސަ 101 ގޮނޑީގެ އިތުރުން ރަށު އ.ތ.މ.ކ ގެ 216 މެންބަރުން ހިމެނެއެވެ. އެމްޑީޕީން ވަނީ 5 މޭޔަރުންގެ ގޮނޑިއާއި، ސިޓީ ކައުންސިލްތަކުގެ 41 ގޮނޑި އަދި ރަށު ކައުންސިލް ރައީސުންގެ 73 ގޮނޑި ކާމިޔާބުކޮށްފައެވެ.
އެހެން ޕާޓީތަކަށް ބަލާއިރު، އެމްޑީއޭ އިން 23 ގޮނޑި، އަދާލަތު ޕާޓީން 6 ގޮނޑި، ޖުމްހޫރީ ޕާޓީން 4 ގޮނޑި އަދި ދަ ޑިމޮކްރެޓްސް އިން 2 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވަނީ ރަށު ކައުންސިލް ރައީސްކަމުގެ 24 ގޮނޑިއާއި އ.ތ.މ.ކ ތަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!