ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި، އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން، މިހާރުގެ ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފުވަމުންދާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންދާ ކަމަށް ތިން ރައީސުން ވަނީ ތުހުމަތު ކުރައްވާފައެވެ.

Ad
rt

މީގެ އިތުރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅަމުންދާކަމަށް ތިން ރައީސުން ވަނީ ތުހުމަތު ކުރަށްވާފައެވެ.

މި އެއްބަސްވުމަކީ ސިޔާސީ ގޮތުން ވަރަށް ތަފާތު ފިކުރުގެ ބޭފުޅުންތަކެއް އެއްގަލަކަށް އެރި ނިންމުމެކެވެ. މިއީ ރައީސް ޔާމީން، އެމްޑީޕީގެ ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދާއި ސޯލިހާ އެކު މިފަދަ ސިޔާސީ މަސައްކަތެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.

މި ތިން ރައީސުން އެކުގައި މަސައްކަތް ކުރަން ފެށުމާއެކު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިޔާސީ މަޝްރަޙް ހަލަބޮލިވެގެންދާނެކަމަށް ބެލެވެއެވެ.

މި ތިން ރައީސުން އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގަތުމާއި ގުޅިގެން ''ތެލާއި ފެން'' އެކުވީ ކަމަށްބުނެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ މާޒީގެ ހަނދާންތައް އައުކުރުމާއެކު މި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް އެމްޑީޕީއާއި އެއްމޭޒަކަށް ވަޑައިގަތުމުން ސަރުކާރަށް ތާއީދު ކުރާފަރާތްތަކުން ރައީސް ޔާމީނަށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ.