ވެރިކަންކުރާ ޕީއެންސީ އާއި ގުޅުނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށްކަމަށް ވެރިކަންކުރާ ޕީއެންސީ އަށް މިއަދު ސޮއިކުރެއްވި ހއ. އިހަވަންދޫގެ ކައުންސިލްގެ ގޮނޑިއަކާއި ޑަބްލިޔުޑީސީގެ ގޮނޑިއެއް ކާމިޔާބުކުރި މިނިވަން ދެ މެމްބަރުންކަމަށްވާ އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު މުހައްމަދު ފިރާޤު އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެމްބަރު ހަލީމަތު ހުރާސަތު ވިދާޅުވެއްޖެއެވެ.
މި ދެބޭފުޅުން މިފަދައިން ވިދާޅުވީ، ޕީއެންސީ އަށް ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކާގައެވެ.
ފިރާގް ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިހަވަންދޫ ކައުންސިލަށް އިންތިޚާބުވެފައިވީނަމަވެސް، އިިހަވަންދޫގެ ތަރައްގީގެ މަގުގައި އައު ހަރުފަތްތަކެއް ހޯދައިދިނުމަށް އަދި ތަރައްގީގެ ދުވެލި އިތުރަށް ހަލުވިކޮށް އަވަސްކޮށް ދިނުމަށް މަސައްކަތްތެކެއް ކޮށްދެވެން އޮތީ ސަރުކާރާއި ގުޅިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
''ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިހަވަންދޫ ކައުންސިލަށް އިންތިޚާބުވެފައިވީނަމަވެސް އިިހަވަންދޫގެ ތަރައްގީގެ މަގުގައި އައު ހަރުފަތްތަކެއް ހޯދައިދިނުމަށް އަދި ތަރައްގީގެ ދުވެލި އިތުރަށް ހަލުވިކޮށް އަވަސްކޮށް ދިނުމަށް އަޅުގަނޑުގެ ފަރާތުން މަސައްކަތްތެކެއް ކޮށްދެވެން އޮތީ ރަމްޒީގޮތެއްގައި މަގާމެއް އަދާކުރުމަށްވުރެ ސަރުކާރާއި ގުޅިގެން ކުރިއަށް ދިޔުންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ މިއަދު މި ސަރުކާރާއި ގުޅިގެން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާއި ގުޅެން މި ނިންމީ،'' ފިރާގް ވިދާޅުވިއެވެ.
އިހަވަންދޫ އިންތިޚާބީ މިނިވަން ދެ މެމްބަރަކާއި، މިހާރުގެ ރައީސް ސޮބާހް ޕީއެންސީ އަށް
ނަރުހެއްގެ ވަޒީފާ އަދާކުރަށްވާ ހުރާސަތު ވިދާޅުވީ ޕީއެންސީ އާއި ގުޅިގެން ކުރިއަށްދާން ނިންމި އެންމެ ބޮޑު ސަބަބަކީ ރަށުގެ އަންހެނުންގެ ތަރައްގީއާއި ކުރިއެރުމަށް ޖުމްލަކޮށް މުޅިރަށުގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރާއި އެންމެ ގާތުން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ނިންމުންކަމަށް ގަބޫލުކުރާތީ ކަމަށެވެ. އަދި އޭނާ އިންތިޚާބު ކާމިޔާބުކުރުމަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔައީވެސް އިހަވަންދޫގެ ޕީއެންސީގެ މެމްބަރުންގެ ފަރާތުންކަން އޭނާ ފާހަގަކުރެއްވިއެވެ.
''އަޅުގަނޑުވެސް މިއަދު ޕީއެންސީ އާއި ގުޅިގެން ކުރިއަށދާން ނިންމި އެންމެ ބޮޑު ސަބަބަކީ ރަށުގެ އަންހެނުންގެ ތަރައްގީއާއި ކުރިއެރުމަށް ޖުމްލަކޮށް މުޅިރަށުގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރާއި ގުޅިގެން ސަރުކާރާއި އެންމެ ގާތުން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ނިންމުންކަމަށް އަޅުގަނޑު ގަބޫލުކުރާތީ، ހަގީގަތުގައި އަޅުގަނޑު މި އިންތިޚާބު ކާމިޔާބުކުރުމަށް އަޅުގަނޑަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔައީވެސް އިހަވަންދޫގެ ޕީއެންސީގެ މެމްބަރުންގެ ފަރާތުން، އެހެންކަމުން ސާފުކޮށް ފާޅުގައި ޕީއެންސީއާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީ އެންމެ އިހްލާސްތެރި ނިންމުންކަމަށް އަޅުގަނޑު ގަބޫލުކުރަނީ،'' ހުރާސަތު ވިދާޅުވެފަވެއެވެ.
މީގެ އިތުރުން މި ނިންމުމަކީ ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށާއި، އަދި އޭނާ އަށް ތާއީދުކުރާ ރައްޔިތުން އެދޭގޮތަށް ނިންމި ނިންމުމެއްކަމަށް ވެސް ހުރާސަތު ވިދާޅުވިއެވެ.
މި ދެ މެމްބަރުންގެ އިތުރުން އިހަވަންދޫ ކައުންސިލްގެ މިހާރުގެ މެމްބަރު އަހްމަދު ސޮބާހް އާއި ކައުންސިލް މެމްބަރު އަހްމަދު ރިލްވާން އަދި އެރަށުގައި ސިޔާސީ ގޮތުން މަޝްހޫރު ބޭފުޅެއްކަމަށްވާ ދޮންބެ ވެސް ވަނީ މިއަދު ޕީއެންސީ އަށް ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!