ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.
މި ދެ ނޫސްވެރިންގެ މައްޗަށް މި ފިޔަވަޅު އަޅާފައިވަނީ ކްރިމިނަލް ކޯޓުން މަނާކޮށްފައިވާ ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފްވިކަމަށް ކަނޑައެޅުމަށްފަހުއެވެ. ކްރިމިނަލް ކޯޓުން މީގެ ކުރިން އޮތީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އަމުރެއް ނެރެފައެވެ.
މި މައްސަލައަކީ "އަދަދު" ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާއާ ގުޅިގެން ހިނގަމުންދާ މައްސަލައެކެވެ. "އަދަދު" އޮންލައިން ނޫހުން ތައްޔާރުކުރި "އައިޝާ" ނަމަކަށް ކިޔާ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުކުރުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި، މައްސަލައިގެ ޝަރީއަތް ނިމެންދެން މައިގަނޑު ތިން ކަމަކަށް އަމުރުކޮށްފައިވެއެވެ.
އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުވާ ކުރެވިފައިވާ ހާދިސާއާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުމާއި، އެއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުމަކީ މަނާކަމެކެވެ. މީގެ އިތުރުން، މިއީ މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ފެހެއްޓުމަށްޓަކައި، ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިއްރުކޮށްގެން ކުރިއަށްގެންދާ ޝަރީއަތަކަށްވާތީ، މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުފެތުރުމަށް ވެސް އަންގާފައެވެ. އަދި މި އަމުރާ ހިލާފަށް ކުރާ ކޮންމެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް އެ އަމުރުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!