އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ހއ. އިހަވަންދޫގެ ކައުންސިލްގެ ގޮނޑިއަކާއި ޑަބްލިޔުޑީސީގެ ގޮނޑިއެއް ކާމިޔާބުކުރި މިނިވަން ދެ މެމްބަރުން ވެރިކަންކުރާ ޕީއެންސީ އަށް މިއަދު ސޮއިކޮށްފިއެވެ.

ޕީއެންސީއާ އަލަށް ސޮއިކޮށްފައި ވަނީ އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު މުހައްމަދު ފިރާޤު އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެމްބަރު ހަލީމަތު ހުރާސަތު އެވެ. ނިމިދިޔަ އިންތިހާބުގައި ފިރާޤު 743 ވޯޓު ހޯއްދަވާފައިވާއިރު، ހަލީމަތު ހުރާސަތު ވަނީ 770 ވޯޓު ކާމިޔާބުކުރައްވާފައެވެ.

Ad
rt

މި ދެ ބޭފުޅުން ޕީއެންސީ އަށް ސޮއިކުރީ މިއަދު މެންދުރުފަހު މާލޭގައި ހުންނަ ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ. މި ބޭފުޅުން ޕީއެންސީ އަށް ގުޅުނު ފޯމާއި ހަވާލުވީ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް އާއި ޕީއެންސީގެ އެއް ނައިބު ރައީސް މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާއި އަދި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމެވެ.

މި ދެ މެމްބަރުންގެ އިތުރުން އިހަވަންދޫ ކައުންސިލްގެ މިހާރުގެ މެމްބަރު އަހްމަދު ސޮބާހް އާއި ކައުންސިލް މެމްބަރު އަހްމަދު ރިލްވާން އަދި އެރަށުގައި ސިޔާސީ ގޮތުން މަޝްހޫރު ބޭފުޅެއްކަމަށްވާ ދޮންބެ ވެސް ވަނީ މިއަދު ޕީއެންސީ އަށް ސޮއިކޮށްފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަލާހް ވަނީ އެ ބޭފުޅުންނަށް މަރުޙަބާ ކިޔާފައެވެ. މި މަހު 17 ވަނަ ދުވަހު އޮންނަ ހުވާކުރުމުގެ ރަސްމިއްޔާތުގެ ކުރިން އިންތިޚާބު ކާމިޔާބުކުރި މިނިވަން ވީހާ ވެސް ގިނަ މެމްބަރުން ޕީއެންސީއާއި ގުޅުމަށް އޭނާ ދައުވަތުދެއްވިއެވެ. އަދި އެހެން ޕާޓީތަކުން އިންތިޚާބުވި މެމްބަރުންނަށް ވެސް ޕީއެންސީއާއި ގުޅުމަށް މަރުޙަބާ ކިޔުއްވާނެކަމަށް ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލްގެ އިންތިޚާބީ ނަތީޖާއަށް ބަލާއިރު، ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބުވެފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި އަލީ ފަވާޒްއެވެ. ކައުންސިލްގައި އަންހެނުނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި އެމްޑީޕީގެ ނާސިރާ ކާމިޔާބުކުރިއިރު، އަނެއް ގޮނޑި ކާމިޔާބުކުރީ އަމިއްލަގޮތުން ވާދަކުރި އައިޝާއެވެ. މީގެ އިތުރުން ކައުންސިލް މެންބަރުކަމުގެ ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީގެ މޫސާ އަލީ އާއި މިހާރު ޕީއެންސީއާ ގުޅިވަޑައިގަތް ފިރާގުއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނަތީޖާއަށް ބަލާއިރު، އެ ކޮމިޓީގެ ރައީސާގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ރިޒާނާއެވެ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހޮވިފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ސައުޖަތު، ގާދިރާ، އަދި ސަމީރާ އެވެ. މި ކޮމިޓީން ދެން ހޮވުނީ އަމިއްލަ ގޮތުން ވާދަކުރެއްވި މިއަދު ޕީއެންސީ އަށް ސޮއިކުރެއްވި ހުރާސަތުއެވެ.

ނިމުނު ލޯކަލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓް ދިނުމުގެ އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު، ޝަރުތު ހަމަނުވާކަމަށް ނިންމައި ފުރުސަތު ނުދިން ބައެއް ބޭފުޅުންނާއެކު އިހަވަންދޫ ކައުންސިލްގެ މިހާރުގެ ރައީސް އަހްމަދު ސޮބާހް އިސްކޮށް ހުންނަވައި އިންތިޚާބުގައި ވާދަކުރީ ''ރައްޔިތުންގެ ޓީމު''ގެ ނަމުގައެވެ. މި ޓީމަށް ސަރުކާރުގެ ތާއީދު ފަހުން ދިންކަމަށް ބެލެވިފައިވާއިރު، އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު، ޕީއެންސީގެ ސެނެޓަރ މުހައްމަދު ޢަބުދުﷲ (މުހައްމާ) ފަހުން ވަނީ ރައްޔިތުންގެ ޓީމާއި ގުޅި، ކެމްޕޭންގައި އިސްކޮށް މަސައްކަތް ކުރަށްވާފައެވެ. މި ނުތަނަވަސްކަމުގައި އިންތިޚާބުގައި ޕީއެންސީގެ ނަމުގައި ނުކުތް އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.