ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، އެ ސަފާރީގެ ދެ ފަޅުވެރިއަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ "އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށް ކިޔާ ސަފާރީއެއްގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އެ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް މި ސަފާރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 މެއި 9 ވަނަ ދުވަހުގެ ހަވީރު 16:55 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގައި ތިބި ދެ ފަޅުވެރިއަކަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެމީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!