އަޅުގަޑުމެން ކޮންމެ މީހެއްގެ ވެސް ދިރިއުޅުން ބިނާކުރަނީ އެމީހަކަށް ލިބޭ އެއްޗަކުންނެވެ. ރަގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރަންޖެހެއެވެ. އަދި ހީވާގިކަމާއި މުރާލިކަމާއިއެކު މަސައްކަތްކުރާ މީހަކަށް މާތްﷲ ރަގަޅުގޮތް މިންވަރު ކުރައްވައެވެ. އެއީ ގުދުރަތީ ގާނޫނެވެ.

އެހެންނަމަވެސް، މީހާގެ ހަޔާތް ބާއްޖަވެރިވެ އުފާފާގަތިކަންމަތީ ތިމާގެ ހަޔާތް ވޭތިކުރުމުގެ ނަސީބުވެރިންނަކީ ތިމާގެ ފުށުން އެހެންމީހުންނަށް ދޭ މީހުންނެވެ. އެހެންމީހަކަށް ދޭ މީހަކަށްވުމަށްޓަކައި ތިމާޔަކީ މަހުޖަނަކަށް ވާކަށް ނުޖެހެއެވެ.

Ad
rt

ގިނަފަހަރަށް ހީކުރެވިފައި އޮންނަ ގޮތާއި ޚިލާފަށް މީހަކަށް ދެވޭނެ އެންމެ އަގުބޮޑު އެއްޗަކީ މުދަލާއި ފައިސާއެއް ނޫނެވެ. މުދަލާއި ފައިސާގެ އަގުހުރެއެވެ. އަދި މުދަލާއި ފައިސާއިން ވަރަށްގިނަ ބޮޑެތި ކަންތައްތައް ކުރެވެއެވެ. މީހުންވެސް ގަނެވެއެވެ. މީހުންގެ ނަފްސުވެސް ގަނެލެވެއެވެ. މުދަލާއި ފައިސާއަށްޓަކައި އަބުރާއި އިއްފަތްވެސް ވިއްކާލައެވެ.

މުދަލާއި ފައިސާ ދިނުމުން އަބުރާއި އިއްފަތް ދޫކޮށްލުމަށް ތައްޔާރަށް ތިބޭމީހުން ކިތަންމެ ގިނަކަމުގައިވިޔަސް، މީހާ ނިކަމެތިވެ ހާލުގައި ޖެހޭވަގުތު މީހަކަށް ދެވޭނެ އެންމެ އަގުބޮޑު ޖަވާހިރަކީ މުދަލެއްވެސް ފައިސާއެއް ވެސް ނޫނެވެ. ފައިސާއިން އެވަގުތަށް ނިކަމެތިކަން ފިލާ އުފަލެއްވެސް ލިބިދާނެއެވެ. އެހެންނަމަވެސް، އެވަގުތު ފަހަނައަޅައި ދިޔުމުން އެ މުދަލުގެވެސް ފައިސާގެވެސް އަގެއް ނުހުރެއެވެ.

ތިމާގެ ހަޔާތް ބިނާކުރެވޭނީ ކޮން އެއްޗަކުން ހެއްޔެވެ؟

ވަރަށް ގިނަމީހުން ކުރާ ސުވާލެކެވެ. މީހަކަށް ނިކަމެތިކަމެއް ދިމާވެގެން އުޅޭއިރު އެމީހަކަށް ދޭނީ ކޮންއެއްޗެއް ހެއްޔެވެ؟ ޖަވާބު ވަރަށް ފަސޭހައެވެ. ދާށެވެ. ގޮސް މަޑުކޮށްލާށެވެ. ކެތްތެރިކަމާއިއެކު އިރުކޮޅަކު ގާތުގައި ހުރެލާށެވެ. ގިނަސުވާލުތައްކޮށް ވާހަކަ ގިނަ ނުކުރާށެވެ. ގާތުގައި ހުރެލާށެވެ. ފިރުމާލާށެވެ. ބައްދާލާށެވެ. ލޮލުގެ އިޝާރާތުން ތިމާގެ ހެޔޮއެދުން އޮތްކަން ކަށަވަރު ކޮށްދޭށެވެ. އަދި އުނދަގުވާހާ ވަގުތުވުމުގެ ކުރިން، ވަގުތުދިނުމަށްފަހު، އެނބުރި ދާށެވެ. ފަހުން އަމިއްލަޔަށް އިސްވެ ފަށަފަށައިގެން އެވާހަކަ ނުދައްކާށެވެ.

ތިމާގެ ބުރަމަސައްކަތުން ތިމާ ހޯދާ މުދަލާއިފައިސާ އަދި އެހެން އެއްޗެތިން ތިމާޔަށް ދިރިއުޅުމެއް ބިނާކުރެވިދާނެއެވެ. އެކަމަކު ހަޔާތެއް ބިނައެއް ނުކުރެވޭނެއެވެ. ހަޔާތެއް ބިނާކުރެވޭނީ ތިމާ ދިން އެއްޗަކުންނެވެ. އަދި އެންމެ ފައިދާހުރިގޮތުގައި ދެވޭނެ އެންމެ އަގުހުރި އެއްޗަކީ ތިމާގެ ވަގުތާއި ޕްރެސެންސް އެވެ. (ގާތުގައި ހުރެދިނުމެވެ.)

ހަޔާތެއް ހޯދަން ބޭނުންނަމަ ދިނުމަށް އަވަސް ވެގަންނާށެވެ.