ތިމާ ކަމެއްކުރިގޮތުން ނުވަތަ ކަންކަން ހުންނަގޮތުން، އެއިން ކަމަކާ ހިތްހަމަނުޖެހިފައި ހުރި މީހަކާ މިއަދު ދިމާވިތޯއެވެ؟

މީހުންގެ ތެރޭގައި ނުވަތަ ތިމާގެ ކުރިމަތީގައި ތިމާގެ ރަނގަޅު ވާހަކަ ދައްކާ މީހުންނާމެދު ހިތްހަމަޖެހި އެއީ ތިމާޔަށް ރަނގަޅު ގާތްމީހުންގެ ގޮތުގައި ދުށުމަކީ އިންސާނީ ތަބީއަތުގެ ސިފައެކެވެ.

Ad
rt

މީގެ އެންމެ މަތީ ދަރަޖައަކީ، ތަންތަނުގައި ތިމާޔަށް ސަނާކިޔާ ތިމާގެ މޮޅުކަމާއި ހެޔޮކަމާއި ރަގަޅުކަމުގެ ވާހަކަ އެހެންމީހުންލައްވާ ދެއްކުވުމަށް ލޯބިކުރުމެވެ.

ގިނަމީހުން ދެކެނީ، އެމީހުންނަށް ސަނާކިޔާ ޚުޝާމަދުކުރާ މީހުންނަކީ އެމީހުންނަށް އެންމެ ހެޔޮއެދޭ މީހުން ކަމުގައެވެ. އަދި އެކަމަށް ހިތްވަރުދީ އެތަޖުރިބާ ތާއަބަދު ތަކުރާރުކުރުވުމަށް ހިތްއެދެއެވެ. އަދި އެކަމަށް މަގުފަހިކުރުމަކީ ވެސް ވަރަށް ގިނަމީހުންގެ ގޮތެވެ.

އެހެންނަމަވެސް، އިންސާނީ ތަޖުރިބާއިން ދައްކަނީ އެއީ ހިތްފަސޭހަގޮތް ކަމުގައި ވީނަމަވެސް، ތިމާޔަށް އެންމެ ރަގަޅުގޮތް ކަމުގައި ނުވެދާނެ ކަމަށެވެ.

އިންސާނުންގެ ތެރެއިން ކާމިޔާބީގެ އެންމެ އިސްކުންނަށް ވާސިލުވެފައިވާ މީހުންގެތެރެއިން މީހަކު ބުނެފައިވަނީ، ތިމާޔާއި ނުރުހޭމީހުންނަކީ ތިމާގެ ޢިލްމުގެ އެންމެ މައި ވަސީލަތްކަމުގައެވެ.

މާނަޔަކީ ތިމާޔަށް ކުރިއެރުން ލިބުންއޮތީ ތިމާޔާމެދު ހިތްހަމަނުޖެހޭ މީހުންގެ އަޑުއަހާ، އެއަޑުތަކާ މެދު ފުންކޮށް ވިސްނާމީހަކު ކަމުގައި ވެގެންނެވެ.