އުފާވެރިކަމަކީ އިންސާނީ ފިޠުރަތުގެ ބައެކެވެ. އެއީ އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ހައްގެކެވެ. ބައެއްމީހުން ދެކޭގޮތުގައި އުފާވެރިކަން ތިމާޔަށް ލިބެނީ އެހެންމީހުންގެ ފުށުންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރިކަމަކީ މީހާ އަމިއްލަޔަށް ލިބިގަންނަ އިހްސާސެކެވެ. އަޅުގަޑު ގަބޫލު ކުރަނީ ފަހުގޮތެވެ.
އުފަލާއި ހިތްހަމަޖެހުމަކީ އިންސާނާ އަމިއްލަޔަށް އެމީހާގެ ސިކުނޑީގައި އުފައްދާ އިހްސާސްތަކެކެވެ. މިކަމުގައި ކާމިޔާބު ލިބެނީ އުފަލާއި ހިތްހަމަޖެހުން ލިބިގަތުމަށް ތިމާގެ ނަފްސު ހާނުވާ ތަރުބިއްޔަތު ކޮށްގެންނެވެ. އަދި އެކަމަށް ތިމާގެ ވިސްނުމާއި ފިކުރު ބައްޓަންކޮށް ފަރިތަކުރުވައިގެންނެވެ.
އެހެންގޮތަކަށް ދަންނަވާނަމަ، އެއީ އުފަލާއި ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރާ ކޮންމެ މީހަކަށްމެ ލިބޭނެ އެއްޗެކެވެ. އެހެން އެއްވެސް މީހަކަށް ތިމާ އުފަލާއި ހިތްހަމަޖެހުމުން މަހުރޫމެއް ނުކުރެވޭނެއެވެ. އެއީ ކުރެވޭނެ ކަމެއް ނޫނެވެ.
އުފާވެރި މީހަކަށް ވުމަށްޓަކާ ތިމާ ހެއްދެވި ފަރާތަށް ޝުކުރުވެރިވާން އާދަކުރާށެވެ. ތިމާއަށް މިންވަރު ކުރެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން އާދަކުރާށެވެ. އަދި ތިމާއަށް ދެއްވި ނިއުމަތް އެހެންމީހުންނާ ހިއްސާކުރަން އާދަކުރާށެވެ. ނިއުމަތްތައް ގުނަވެގެންދަނީ އެހެންމީހުންނާއި ހިއްސާކުރުމުންނެވެ.
ކަންބޮޑުވުންތަކާއި ބިރަށް ފިލަން ނުދުވާށެވެ. ތިމާގެ ހިތުގައި އުފެދޭ ބިރުތަކާއި ކުރިމަތިނުލާން ފިލާދުވުމަކީ ހާސްކަމާއި ފިކުރުބޮޑުވުމަށް މަގުފަހިކުރާ ކަމެކެވެ. ހަގީގަތް ފޮރުވަން އުޅުމަކީ ބުރަ އަދި އުނދަގޫ ކަމެކެވެ. ހަގީގަތާއި ކުރިމަތިލުމަށްޓަކާ ބޭނުންވަނީ ހަރުދަނާ އަގީދާއެކެވެ. ތިމާ ފޮރުވަންޖެހޭނެ އަދި އެހެންމީހަކަށް އެނގިދާނެތީ ލަދުގަންނަންޖެހޭނެ ކަންކަމުން ދުރުހެލިވެ ހުރެވޭނީ ހަރުދަނާ އަގީދާއެއްގެ މަތީގައި ހުރެގެންނެވެ.
އަޅުގަޑުމެން ކޮންމެ މީހަކުވެސް މިއަދު ހުރި ހާލަތަކީ، އެމީހަކު ކުރިކަންތައްތަކާއި ނުކޮށްދޫކޮށްލި ކަންތައްތަކުގެ ޖުމްލަ ނަތީޖާއެވެ. އެހެންކަމުން، ތިމާގެ ހާލަތު ބަދަލުކުރުމަށް ބޭނުންނަމަ، އެކަމަށް މަސައްކަތް ކުރަންވީއެވެ. އެހެންމީހުންގެ ބޮލުގައި ތިމާގެ ހާލަތުގެ ޒިންމާ އެޅުވުމަކީ އުފާވެރިކަން ގެއްލިދާނެ ކަމެކެވެ.
އުފާވެރި މީހަކަށް ވުމަށްޓަކާ އަނެކުންގެ ރަގަޅު ކަންތައްތައް ފާހަގަކޮށް އެކަމަށް ހިތްވަރު ދޭށެވެ. މީހުނާ ދިމާކުރުމާ މަލާމާތްކުރުމާ ފުރައްސާރަ ކުރުމުން އެކަހެރިވާށެވެ. މީހުންގެ ހެޔޮބަސް ބުނާ މީހާޔަށް އެހެން މީހުންގެ ހެޔޮބަސް ލިބޭނެއެވެ. ތިމާޔަށް ހެޔޮބަސް ލިބޭމީހާގެ އުފާވެރިކަން އިތުރުވާނެއެވެ.
ކޮންމެ ދުވަހަކުވެސް ހެނދުނު ތެދުވެ އަމިއްލަ ނަފުސަށް މަރުހަބާ ކިޔާ ހިނިތުންވެލާށެވެ. އަދި މޫނުބަލާ ލޯގަނޑެއްގެ ކުރިމައްޗަށް ފުރަތަމަ ހުއްޓޭވަގުތު ހިނިތުންވުމެއް ތިމާއަށް ދޭށެވެ. އަދި ތިމާޔާ ފުރަތަމަ ބައްދަލުވާ މީހާޔަށް ހިތްހެޔޮކަމާއެކު އުފާވެރި ހިނިތުންވުމަކުން ސަލާމްކުރާށެވެ. އުފާވެރިކަމަކީ ފެތުރޭ އެއްޗެކެވެ. އަދި އަޅުގަޑުމެން ކޮންމެ މީހަކަށްވެސް ލިބޭނީ، ތިމާ އަނެކުންނަށް ދިން އެއްޗެކެވެ.
ތިމާޔަށް އުފާވެރިކަން ލިބޭނީ ތިމާގެ ވަށައިގެންވާ މީހުންނަށް އުފާވެރިކަން ގެނެސްދޭ މީހަކަށް ތިމާވެގެންނެވެ. އެހެން މީހުންނަށް އުފާވެރިކަން ގެނެސްދެވޭނީ ތިމާޔަކީ ހަރުދަނާ އަގީދާއެއްގެ އަހުލުވެރިޔަކަށް ވެގެންނެވެ. މިއީ ދުނިޔަވީ ތަޖުރިބާއިން އަޅުގަޑަށް ދަސްވެފައިވާ ފިލާވަޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!