ހިތްދަތިކަމުގެ ރަހަ… ހާލަތު ބަދަލުކުރެވޭނެއެވެ!

1_gshImQ1qbwf6CLxSCroUZg

ހިތްދަތިކަމުގެ ރަހަ ދުށިން ހެއްޔެވެ؟ އެއީ ހާދަ އަސަރުގަދަ ރަހައެކެވެ. ގޮސްހުސްވެ، ހަތަރު އުދަރެސް ފެނުޖެހި، އުޑުބޮލަށް ވެއްޓުމުގެ އިހުސާސް ކުރެވޭ ވަގުތު އެލާ ރަހަޔަކީ ހިތްދަތިކަމުގެ ހަގީގީ ރަހައެވެ. އެވަގުތު، އިންސާނާގެ ތަބީއީ “ރިފްލެކްސް” ނުވަތަ ފިކުރަކާ ނުލާ ގެނެވޭ ވިސްނުމާއި ހަރަކާތުގެ މައްޗަށް ބާރު ނުފޯރުވިއްޖެނަމަ، ހިތްދަތިކަމުގެ ހަގީގީ ރަހައިގެ ތެރެއަށް ތާއަބަދުގެ އަބަދަށް މީހާ ގެނބިގެން ދެއެވެ.

އެ ހިނދުކޮޅަކީ އިންސާނީހަޔާތުގެ އިމްތިހާނުގެ އެންމެ އުސްކުންނެވެ. ހިތްދަތިކަން އުފެދިގެން އަންނަ ސަބަބާއި އޭގެ ހަގީގީރަހަޔާއި ދިމާއަށް ދަތުރުކުރެވޭ ސަބަބާއިމެދު އަޅުގަޑުގެ އުސްތާޒަކާ ވާހަކަދެއްކީމެވެ. އޭނާގެ ޖަވާބު ވަރަށް ސާދާވެފައި ކުރެވެ. (ކޮންމެހެން ޖަވާބު ރަގަޅޭ ދެންނެވީކީއެއް ނޫނެވެ.) އަޅުގަޑުގެ އުސްތާޒު ވިދާޅުވީ، ހިތްދަތިކަން ކުރިމަތިވަނީ އެހެންމީހުންގެ ފުށުން ތިމާކުރާ އުންމީދުތައް ހުރުމުން ކަމުގައެވެ. ހިތްދަތިކަމުން ސަލާމާތްވާން ބޭނުންނަމަ، ތިމާ އެހެންމީހުންގެ ފުށުން ކުރާ އުންމީދުތައް ނައްތާލުމަކީ އޭނާގެ ނަސޭހަތެވެ. އަދި ތިމާގެ އަމިއްލަ އުންމީދުތައް ވެސް “ކޮންޓެއިން” ކުރުން ނުވަތަ ވަކިމިންވަރެއްގައި ހިފެހެއްޓުމަކީ އޭނާގެ ހިކުމަތްތެރި ލަފައެވެ.

ތެދެކެވެ. އުންމީދުތައް ނެތްނަމަ، ފިކުރުބޮޑުވާކަށް ނުޖެހޭނެއެވެ. ކަންބޮޑުވުމެއް ނޯންނާއެވެ. ހާސްވުމެއް ނެތެވެ. އުންމީދުތަކެއް ނެތްނަމަ އޮތީ ހިތްހަަމަޖެހުމާއި އުފަލެވެ. ތެދެއްހެއްޔެވެ؟

އަޅުގަޑުގެ ރައްޓެއްސަކު ބުނީ އޭނާއަކީ މިންވަރަށް އީމާންވާ މީހަކަށްވާތީ، ފިކުރުބޮޑުވެ ހާސްވާކަމެއް ނެތްކަމުގައެވެ. އޭނާބުނާގޮތުން، ކޮންމެ ދުވަހަކުވެސް ތެދުވެ ހެލިފެލިވެގަންނަނީ، އެދުވަހަކު ކަންދިމާކުރިގޮތް އެއީ އެންމެ ރަގަޅުގޮތް ކަމުގައި ބަލައިގެންނެވެ. އަދި ތަގުދީރުގެ ނިޔާއާއި އެއްގޮތަށް ތިމާގެ ކަންތައްތައް ފިރުކާލުމަކީ، އޭނާގެ ނަޒަރުގައި ބުއްދިވެރިންގެ ގޮތެވެ. އެއީ ހަމަތެދެއްތޯއެވެ؟

މިވިސްނުމާއި ފިކުރަކީ ހަމަޔަގީނުންވެސް ތިބިތަނުގައި ތިބުމަށް މަގުފަހިކޮށްދޭ ފިކުރީ އިމެކެވެ. އޭގެ ހެއްކަކީ، މިބަހުރުވައިން ވާހަކަދެއްކެވި ބޭފުޅުންގެ ފަހަތުގައި ތިބެގެން އަޅުގަޑުމެން މިތިބީ ހަމަރީއްޗަށް އިނދަޖެހިފައެވެ. ސުވާލަކީ، އަދިވެސް އެގޮތުގައި ތިބޭނީ ތޯއެވެ؟

ނޫނެކެވެ. ކުރިމަގަށް އުންމީދު ކުރަންވީއެވެ. އެހެންމީހުންގެ ފުށުންވެސް އުންމީދުތައް ކުރަންވީއެވެ. ތަގުދީރުގެ ތަޅުދަނޑި އޮތީ ތިމާގެ އަތުގައި ކަމުގައި ގަބޫލު ކުރަންވީއެވެ. ކޮންމެ އިންސާނަކަށްވެސް މިންވަރުކުރައްވަނީ، އެމީހާ އުންމީދުކޮށް ގަދައަޅާ މަސައްކަތްކުރި ހާލަތެއްކަމުގައި ގަބޫލުކުރަންވީއެވެ. ހާލަތު ބަދަލުކުރެވޭނީ އެއިރުންނެވެ. ތިމާގެ ހާލަތެވެ. ގައުމުގެ ހާލަތެވެ. ކުރިމަގެވެ. އެއިރުން ހިތްދަތިކަމުގެ ރަަހަދެކޭކަށް ނުޖެހޭނެއެވެ. ދޮގެއްތޯއެވެ؟

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *