ބަދަލަކީ އިންސާނުން ޖެހިލުންވެ ފަސްޖެހޭ އެއްޗެކެވެ.

ކޮންމެ އިންސާނަކަށްވެސް އެންމެ ގޮތްނޭނގޭ އެއްޗަކީ ބަދަލެވެ. އެއީ ގޮތްނޭނގޭ ކަނޑަކަށް ފީނައިގަތުން ކަހަލަ ކަމެކެވެ. ބަދަލުގެ ނަތީޖާއަކީ ކޮބައިކަން ކިތަންމެ ވަރަކަށް ދިރާސާކުރިކަމުގައި ވިޔަސް، ބަދަލުގެ ނަތީޖާ އެނގެނީ ބަދަލު ގެނައުމުންނެވެ. އަދި ބަދަލަކީ ބައެއްފަހަރު ވަރަށް ހިތިތަޖުރިބާއަކަށް ވެސް ވެދެއެވެ. އަނެއްބައި ފަހަރު ފޮނިކަމާއި މީރުކަމުގެ ރަހަ ލިބެއެވެ.

Ad
rt

އެކަމަކު، ހަގީގަތަކީ ބަދަލު އެއީ އިންސާނީ ތަޖުރިބާގެ އެންމެ ޔަގީންކަމެވެ. އެއްބަޔަކު ބަދަލު އެމީހުންނާ ބައްދަލުކުރުމުގެ ކުރިން ބަދަލު ގެނެއެވެ. ކާމިޔާބު މީހުންނަކީ މި ރިސްކު ނަގާމީހުންނެވެ. އެމީހުންނަކީ ގޮތްނޭނގޭ ކުރިމަގު އަމިއްލަޔަށް ކަނޑައަޅާ މީހުންނެވެ. އަދި އެ ނިންމުމުގެ ނަތީޖާއާއި ކެރިގެން ކުރިމަތިލުމަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަދި ފިކުރީގޮތުން ތައްޔާރުވެގެން ތިބޭމީހުންނެވެ. އެމީހުންނަށް ބަދަލާއި ކުރިމަތިލުމުގެ ގާބިލުކަން ލިބެއެވެ. އަދި ކާމިޔާބު ހޯދުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ.

އިންސާނާގެ ނާކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ، އެމީހާ ގެ ބިރެވެ. މީހާގެ ބިރަކީ ކޮންމެހެން ހަގީގަތެއް ނޫނެވެ. އެއީ ކޮންމެހެން ދިމާވާނެ ކަމެއް ނޫނެވެ. ދިމާވެދާނެ ކަމަށް ހީކުރެވޭ ކަމެކެވެ. އެހެންކަމަށްވުމުން، ކާމިޔާބު މީހުންނަކީ ބިރުގެ އިހްސާސް އާއި ކުރިމަތިލާން ކެރޭ މީހުންނެވެ. އެމީހުން ބިރާއި ކުރިމަތިލާ ބިރު ފަަތަހަކުރެއެވެެ.

އެހިސާބުން، ހާސިލުކުރަން ބޭނުންވާ ކަމަކަށް ހުރަހެއް ނޯވެއެވެ. ހަގީގަތުގައި ހުރަހަކީ ބިރު ކަމަށް ވާތީއެވެ. ބަދަލުގެނެވޭނީ ބިރާއި ކުރިމަތިލުމުގެ ގާބިލުކަން ލިބިގެންވާ މީހުންނަށެވެ.