އަޅުގަޑުމެންގެ ވަށައިގެންވަނީ ހުސްވުމެއްނެތް ގޮންޖެހުންތަކެވެ. މާއްދީގޮތުން ހުރި ގޮންޖެހުންތަކާ ނަފްސާނީގޮތުން ހުރި ގޮންޖެހުންތަކެވެ.

މިއިން ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމަށް ތިމާގެ ނަފުސުގެ މައްޗަށް ބާރުގަދަވުމަކީ ބޭނުންތެރިކަމެކެވެ. ނަފުސުގެ ދުޅަހެޔޮކަން، އެހެންގޮތަކަށް ބުނަނީނަމަ، ސެލްފް އެސްޓީމް އާއި ސެލްފް ކޮންފިޑެންސަކީ، ތިމާގެ ކުރިމަތީގައި ހުރި ހުރަސްތައް ގިރާކޮށް ކާމިޔާބީގެ އައްސޭރިޔަށް ގެންގޮސްދޭ މިތުރެވެ.

Ad
rt

އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ އިތުބާރާއި ޔަގީންކަަމަކީ އަޅުގަޑުމެން ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ ސިފައެކެވެ. އެހެންނަމަވެސް، އެސިފަ ތިމާގެ ކިބައިގައި އަށަގަންނުވާ އޭގެފައިދާ ތިމާޔަށް ކުރާގޮތަށް ބޭނުންހިފެނީ އެކަމުގެ އަހުލުވެރިންނަށެވެ. ތިމާގެ ނަފުސުގެ މައްޗަށް އިތުބާރުކުރުމުގެ ސިފަ މީހާގެ ކިބައިގައި އުފެދި އަށަގަންނަނީ، ތިމާއަށް އިތުބާރުކުރާ މީހުންގެ ތެރޭގައި ވެވިގެންނެވެ.

އިތުބާރަކީ ދެފަރާތުގެ ދެމެދުގައި ހިނގާ މުއާމަލާތްތަކުގެ ތެރެއިން އުފެދޭ އިހުސާސްތަކަކަށް ވާއިރު، އިތުބާރު ހޯދުމަށްޓަކައި އިތުބާރު ދޭންޖެހެއެވެ. އެހެންމީހުން ތިމާޔަށް އިތުބާރު ކުރަން ބޭނުންނަމަ، އެމީހުންނަށް އިތުބާރުކުރާ މީހަކުކަމުގައި ތިމާވާންޖެހެއެވެ. އެކަމަކު، އިތުބާރަކީ އޮޅުވާލުމާއި ފޮރުވުންތަކުގެ ތެރެއިން ތިމާ ހޯދަން މަސައްކަތްކުރާ އެއްޗެއް ކަމުގައިވާނަމަ، ތިމާޔަށް އެހެންމީހުންގެ އިތުބާރު ގެއްލުން އޮތީ ވަރަށް ގާތުގައެވެ.

އެފަދަ މީހުންނަކީ އަމިއްލަ ނަފުސުގެ މައްޗަށް ޔަގީންކަން ނޯންނަ މީހުންނެވެ. އެހެންކަމުން، ތިމާޔާއި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި ކުރިމަތިލާން ބޭނުން ކޮންމެ މީހަކުވެސް، އޮޅުވާލުންތަކާއި ފޮރުވުންތަކުން ދުރުހެލިވެ، އެހެންމީހުންގެ އިތުބާރުލިބޭފަދަ މީހަކަށްވުމަކީ މުހިންމުކަމެކެވެ.