އަޅުގަޑުމެންނަކީ އަޅުގަޑުމެން ބޭނުންވި ކޮންމެކަމެއް ކުރެވޭނެބައެކެވެ. އެކަން އެއީ ހަގީގަތަކަށް ހެދުން އޮތީ އަޅުގަޑުމެންގެ އަތްމަތީގައެވެ.
އަޅުގަޑުމެން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުނުވެވިގެން މިއުޅެނީ ކޮންސަބަބަކާހުރެ ހެއްޔެވެ؟ މިސުވާލު ކިޔާނުނިމެނީސް އަޅުގަޑުމެން ކޮންމެމީހެއްގެ ސިކުނޑިއަށްވެސް އެތައްނަމެއް، އެތައްކަމެއް ވެރިވެގެންދާނެކަން ޔަގީނެވެ. އަޅުގަޑުމެންނަށް ނޭގިނަމަވެސް، ގަބޫލުކުރެވިފައި މިތިބެނީ އަޅުގަޑުމެންގެ ބަދުނަސީބާއި ނާކާމިޔާބުގެ ސަބަބަކީ އެހެންމީހުންނާއި އަޅުގަޑުމެންނަށް ބާރުނުފޯރާކަންތައްތައް ކަމުގައެވެ.
ހަގީގަތަކީ، އަޅުގަޑުމެންނަށް ހާސިލުނުވެއޮތް ކޮންމެކަމެއް ހާސިލުނުވެއޮތުމުގެ ސަބަބުއޮތީ އަޅުގަޑުމެންގެ ތެރޭގައެވެ. އަޅުގަޑުމެން ކޮންމެމީހެއްގެ ކިބައިގައެވެ. އެކަންކަން ފާހަގަކުރަނީ އެހެންމީހަކުނަމަ، އެމީހަކުދެކެ ހިތްހަމަނުޖެހުމާއި ރުޅިއައުމާއި ޖަދަލުކުރުމަކީ އިންސާނީތަބީއަތުގެ އާންމުސިފައެކެވެ.
ކާމިޔާބު މީހަކަށްވުމަށްޓަކާ އަޅުގަޑުމެންގެ ކިބައިގައި ޚާއްޞަ ސިފަތަކެއް ހުންނަންޖެހެއެވެ. އޭގެތެރެއިން އެއްސިފަޔަކީ އެހެންމީހުންނާއި ކަންކަމަށް އިނގިލިދިއްކުރުން ދޫކޮށްލާ، ތިމާގެ ނަފުސާ ސުވާލުކުރުމެވެ. އަހަންނަށް ތަފާތެއްގެނެވިދާނެ ހެއްޔެވެ؟
ޖަވާބުވަރަށް ސާފެވެ. އަޅުގަޑުމެން ކޮންމެމީހަކީވެސް އަމިއްލަޔަށް ބޭނުންވުމުން ތަފާތެއް ގެނެވިދާނެމީހެކެވެ. ތިމާ ހެނދުނުތެދުވާގަޑިއަށެވެ. އެހެންމީހުންނާ ވާހަކަދައްކާ ރާގަށެވެ. ޒިންމާދާރުކަމާއި މަސްއޫލިއްޔަތު އުފުލުމުގައެވެ. މީހުންނަށް ޚިދުމަތްކުރުމުގައެވެ.
ތަފާތެއްގެނައުން މިހިނދަށް އެންމެމުހިންމީ ކޮންކަންކަމަކުންތޯއާއި، ތަފާތެއްގެނަމުގައި އިސްކަންދޭނީ ކޮންކަމަކަށްތޯއާއި، ތިމާޔަށް އެންމެބޮޑު ކުރިއެރުމެއް މަގުކުރުކޮށް އެންމެ އަވަހަށް ހޯދައިގަންނާނީ ކިހިނެތްތޯ ކަނޑައެޅުމުގައި އެންމެފަސޭހަގޮތަކީ ތަފާތެއްގެންނަން ބޭނުންވާ ކޮންމެ ރޮގަކުން ރޯލްމޮޑެލެއް ފާހަގަކުރުމެވެ. އަދި އެފަރާތަކާއިއެކު ވަގުތު ހޭދަކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!