ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، ގއ. ދެއްވަދޫ / ދޭލިޔާގެ، މުޙައްމަދު އަނަސް މިއަދު ހަމަޖައްސައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމުން މިއަދު އިސްތިއުފާދެއްވި އަނަސް މިފްކޯގެ ވެރިއަކަށް ހަމަޖައްސާފައިވާކަމަށް އެ ބޯޑުން މިރޭ ވަނީ ބުނެފައެވެ.
މިއަދު ޕީސީބީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވި އަނަސް ޕީސީބީގެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ 13 މާރިޗް 2025 ގައެވެ.
އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ޕީސީބީގެ ރައީސް ކަމުގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމު ވެސް ހިމެނެއެވެ.
މިފްކޯގެ ވެރިޔާގެ މަގާމު ހުސްވީ އެ ކުންފުނީ ސީއޯއަކަށް ކުރިން ހުންނެވި ފަރުހަތު ޝަހީރު 12 އޭޕްރިލް 2025 ގައި މަގާމުން އިސްތިއުފާދެއްވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!