އީރާނާއި ދެކޮޅު ހަނގުރާމައަށް އެމެރިކާއިން ފޮނުވި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ''ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް'' އަނބުރާ ގައުމަށް ގެންދަން ނިންމައި، އެ މަނަވަރު މެދުއިރުމަތި ދޫކޮށް އެނބުރި ގައުމަށް ދިއުމަށް ފުރަން ތައްޔާރުވަމުން އަންނަކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފިއެވެ.

މިއީ ވޭތުވެދިޔަ 10 މަސްދުވަހު އެ މަނަވަރުގައި މަސައްކަތްކުރި 4،500 އެއްހާ ފަޅުވެރިންނަށް ލިބޭނެ ބޮޑު ލުޔެއް ނަމަވެސް، މިއީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި އެ ސަރަހައްދުން އެމެރިކާގެ އަސްކަރީ ބާރު ކުޑަވެގެންދާނެ ކަމެކެވެ.

Ad
rt

އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލު ހިންގާ ނާކާމިޔާބު ހަނގުރާމަ އަށް ފޮނުވި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ތިން މަތިންދާބޯޓު އުފުލާ މަނަވަރުގެ ތެރެއިން ފޯޑް މިހާރު އޮތީ ރަތް ކަނޑުގައެވެ. އަނެއް ދެ މަނަވަރު ކަމަށްވާ ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިއު. ބުޝް އަދި ޔޫއެސްއެސް އަބްރަހަމް ލިންކަން ހަރަކާތްތެރިވަމުންދަނީ އަރަބި ކަނޑުގައެވެ. މި މަނަވަރުތަކުން ދަނީ އީރާނުގެ ބަނދަރުތަކުން މުދަލާއި ތެޔޮ އުފުލާ އުޅަނދުތައް ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ބްލޮކޭޑް ތަންފީޒުކުރަމުންނެވެ. އޮފިޝަލުން ލަފާކުރާ ގޮތުގައި ފޯޑް އެނބުރި ވާޖިނިއާއަށް ދެވޭވަރު ވާނީ މެއި މަހުގެ މެދުތެރޭގައެވެ.

މިދިޔަ ބުދަ ދުވަހާ ހަމައަށް ފޯޑް ކަނޑުމަތީގައި ހޭދަކޮށްފައިވާ 309 ދުވަހަކީ އެމެރިކާގެ ޒަމާނީ މަތިންދާބޯޓު އުފުލާ މަނަވަރެއް މެދުނުކެނޑި ކަނޑުމަތީގައި ހޭދަކުރި އެންމެ ދިގު މުއްދަތެވެ. މި ދިގު ދަތުރުގެ ސަބަބުން މަނަވަރަށް ވަނީ އެކި ކަހަލަ މައްސަލަތައް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި މަނަވަރުގެ ފާޚާނާ ސިސްޓަމަށް ތަކުރާރުކޮށް ދިމާވި މައްސަލަތަކާއި، ލޯންޑްރީ ރޫމެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ލިބުނު ގެއްލުންތައް ހިމެނެއެވެ. މަނަވަރު ބަނދަރަށް ދިއުމުން ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.

ކޮންގްރެސްގައި ބޭއްވި އަޑުއެހުމެއްގައި މަނަވަރުގެ ދަތުރު މިހާ ބޮޑަށް ދިގުދަންމާލުމާ ގުޅޭގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތާ ސުވާލު ކުރައްވާފައެވެ.

"އަޅުގަނޑު ޔޫއެސްއެސް ފޯޑާ މެދު ކަންބޮޑުވޭ، މީގެ ސަބަބުން އަޅުގަނޑުމެން ދޫކޮށްލަން މިޖެހެނީ ކޮން ކަންތައްތަކެއްތޯ؟" ކެލިފޯނިއާގެ މެންބަރު ގިލް ސިސްނެރޯސް ސުވާލުކުރަށްވާފަވެއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ހެގްސެތު ވިދާޅުވީ، މަނަވަރުގެ ދަތުރު ދިގުދަންމާލީ ނޭވީއާ މަޝްވަރާކުރުމަށްފަހު ނިންމި އުނދަގޫ ނިންމުމެއްގެ ދަށުން ކަމަށެވެ.

އާންމުގޮތެއްގައި މިފަދަ މަނަވަރުތަކުގެ ދަތުރުތައް ދެމިގެންދަނީ ހަ މަސް ނުވަތަ ހަތް މަސް ދުވަހަށެވެ. އެމެރިކާގެ އެންމެ އާ މަނަވަރު ކަމަށްވާ ފޯޑް، މިދިޔަ އަހަރުގެ ޖޫން މަހު ފުރަތަމަ ފުރީ ޔޫރަޕަށެވެ. ނަމަވެސް ފަހުން ޓްރަމްޕް ސަރުކާރުގެ އެންގުމަކަށް ވެނެޒުއޭލާގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމުގެ މަސައްކަތުގައި ބައިވެރިވުމަށްފަހު، އީރާނާ ދެކޮޅަށް ހިންގަ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް މެދުއިރުމަތީގެ ސަރަހައްދަށް ފޮނުވުނީއެވެ.

އެމެރިކާގެ މި ބްލޮކޭޑަކީ އީރާނަށް އަސްކަރީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތެވެ. މީގެ ބޭނުމަކީ އީރާނުން ހޯމުޒް ކަނޑުއޮޅި ހުޅުވާލުމަށާއި އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް މަޖުބޫރުކުރުވުމެވެ. ނޭވީން ވަނީ މިހާތަނަށް އީރާނަށް ފައިދާވާ ގޮތަށް މުދާ އުފުލި 39 އުޅަނދެއް ހުއްޓުވާފައެވެ. ނަމަވެސް އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލުމުގައި ވެސް އީރާނުން ވަނީ ކާމިޔާބު ހޯދާފައެވެ.