ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ހުޅުވައިފިއެވެ.
މި ދަނޑަކީ ދިއްދޫ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްގީކުރި ދަނޑެކެވެ. މި ދަނޑަށް ދީފައިވާ ނަމަކީ ''ދޮންކަލޯ ފުޓްސަލް ދަނޑު'' އެވެ.
މި ދަނޑު ހުޅުވަން ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްކޮށްދެއްވީ ދިއްދޫ ކައުންސިލަރުންނާއި އަދި ކައުންސިލްގެ މުވައްޒަފުންނެވެ.
ދިއްދޫ ކައުންސިލުން ތަރައްގީކުރި ''ދޮންކަލޯ ފުޓްސަލް ދަނޑު'' ހުޅުވުން، ފޮޓޯ: ދިއްދޫ ކައުންސިލް
މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ފުޓްސަލްގެ ހާއްސަ ޗަރުކޭސް ސޯވއަކާއި، އެކި އުމުރުފުރާތަކުގެ މެދުގައި ކުޅެވުނު ފޯރިގަދަ ފުޓްސަލް މެޗުތައް ވެސް ވަނީ ފެނިގެންގޮސްފައެވެ. އަދި ސަގާފީ ހާއްސަ އައިޓަމެއް ވެސް ހުށަހެޅިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ދިއްދޫ ކައުންސިލުން މިއަހަރު ބޭއްވި ބައެއް މުބާރާތްތަކުގެ އިނާމް ދިނުން ވެސް އޮތެވެ.
ދިއްދޫ އައު ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރިއަށްދިޔަ ޗަރުކޭސް ސޯވގެ ތެރެއިން، ފޮޓޯ: ދިއްދޫ ކައުންސިލް
ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވަނީ މިދަނޑު ހުޅުވިގެން ދިޔުމަކީ ދިއްދޫގެ ފުޓްސަލަށް ލޯބިކުރާ ޒުވާނުންނަށް ލިބިގެންދާ ފަހި ފުރުސަތެއްގޮތުގައި ސިފަކުރަށްވާފައެވެ. އަދި މި ޚިދުމަތް ބަލައިގަނެ، ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވަނީ އިލްތިމާސްކުރަށްވާފައެވެ.
ދިއްދޫ އަކީ ހުނަރުވެރި ކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް ނިސްބަތްވާ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!