ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން ފައިނަލްގައި ދިއްދޫ ބަލިކޮށް ހަނިމާދޫ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލްގައި ހަނިމާދޫ ޗެމްޕިއަންކަން ހޯދީ 6-8 އިން ދިއްދޫ ބަލިކޮށްގެންނެވެ.

Ad
rt

މިއަދުގެ މެޗު ފަށައި 37 ވަނަ ސިކުންތުގައި ދިއްދޫ ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ދިއްދޫ އަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 9، ބެނެޑް އެވެ.

ދިއްދޫގެ ލަނޑަށްފަހު ހަނިމާދޫން ވަނީ 20 ވަނަ މިނިޓްގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހަނިމާދޫ އަށް މި ލަނޑު ޖަހައިދިނީ ޖޯޒީ ނަންބަރު 3 ސިފާން ހަސަން އެވެ. ހަނިމާދޫގެ ސިފާން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހައި ލީޑު ނަގައިދީފައެވެ. ސިފާން މި ލަނޑު ޖަހައިދިނީ 41 ވަނަ މިނިޓްގައެވެ.

މެޗުގެ ދެވަނަ ހާފުގައި ދިއްދޫގެ މުހައްމަދު ނައުޝާދު (ނައުއްޓި) މެޗުގެ 79 ވަނަ މިނިޓްގައި ލަނޑެއް ޖަހައި ފުރަތަމަ ފަހަރަށް ދިއްދޫ އަށް ވަނީ ލީޑު ނަގައިދީފައެވެ. ނަމަވެސް ދިއްދޫ އަށް ލީޑުގައި އޮވެވުނީ އެންމެ ހަތަރު މިނެޓެވެ. 84 ވަނަ މިނިޓްގައި ހަނިމާދޫގެ މުހައްމަދު ހަސަން ލަނޑެއް ޖަހައިދީ ނަތީޖާ ވަނީ އަލުން ހަމަހަމަކޮށްފައެވެ.

ހަނިމާދޫގެ މި ލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. އެހެންވެ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 28 ޑީ.ޖޭ ޖެހި ޕެނަލްޓީ ހަނިމާދޫގެ ކީޕަރ ހުސައިން ޝަރީފް (ކަރީމްބާ) ދިފާޢުކުރިއިރު، ހަނިމާދޫ އަށް ތަށި ކަށަވަރުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވެސް ކީޕަރ ހުސައިން ޝަރީފެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މެޗުގައި ދެ ލަނޑު ޖަހައިދިން ހަނިމާދޫގެ ޖޯޒީ ނަންބަރު 3 ސިފާން ހަސަން އެވެ.

ދިއްދޫ ފައިނަލަށް ދަތުރުކުރީ ފުރަތަމަ މެޗު 4-1 އިން ކުޅުދުއްފުށީ ސިޓީ ބަލިކޮށް އަދި ދެވަނަ މެޗުގައި 2-2 އިން ހަނިމާދޫ އާއި އެއްވަރު ކޮށްގެންނެވެ. ހަނިމާދޫ ފައިނަލަށް ދިޔައީ ދިއްދޫ މެޗު އެއްވަރުވެ، 3-0 އިން ކުޅުދުއްފުށީ ސިޓީ ބަލިކޮށްގެންނެވެ.

ނޯތު ރީޖަން ލީގުގައި ވާދަކުރާނީ ހަނިމާދޫއާއި ދިއްދޫގެ އިތުރުން ނ. މަނަދޫ އަދި ބ. އޭދަފުއްޓެވެ. މި ބުރު އޮންނާނީ އޭދަފުށީގައެވެ.