ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާ ގުޅިގެން، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށް އޯގާތެރިކަމާއި ހިތްވަރު ދިނުމަށް ސިއްހަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީތެރިކަމާބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަފްސާނީ ދުޅަހެޔޮކަމަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ޤަބޫލުކޮށް، އެ ދާއިރާއިން ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަންވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.
މި ބަޔާނުގައި ނަފްސާނީ ދަތިތަކެއް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް މުޚާޠަބުކޮށް ބުނެފައިވަނީ، އެފަދަ ފަރާތްތަކަކީ އެކަނިވެރި ބައެއް ނޫންކަން ޤަބޫލުކޮށް ލަސްނުކޮށް އެހީތެރިކަން ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ނަންބަރު 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން (Psychological First Aid) ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކޮށްފަވެއެވެ.
"ޤައުމެއްގެ ޙައިސިއްޔަތުން، އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޝާމިލު ޒިންމާއެއް. ޙަޤީޤަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް، ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން، އަދި ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުއްވާ،" އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ޢާއިލާތަކާއި ރައްޓެހިން އަދި މުޅި މުޖުތަމަޢު ގުޅިގެން އެކަކު އަނެކެއްގެ ޙާލުބަލައި، އެއްވެސް ތަފާތުކުރުމެއް ނެތް އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ވަނީ ބާރުއަޅާފައެވެ. އަދި އަނެކާގެ ވާހަކަ ކަނުލާ އަޑުއަހާލުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް ބުނެފަވެއެވެ.
ސިއްހަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީތެރިކަމާބެހޭ ވުޒާރާ ވަނީ މިފަދަ ނާޒުކު ވަގުތުތަކުގައި ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ޢާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. މީސްމީޑިއާގައި ފަތުރާ ބައެއް ވާހަކަތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަން ކަމުގައިވެސް އެ އެ ވުޒާރާއިން ފާހަގަކުރެއެވެ.
ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަމާނާތެއްކަން ހަނދާންކޮށްދެމުން، އެކަކު އަނެކަކަށް ހަމްދަރުދީއާއި ޒިންމާދާރުކަމާއެކު މުޢާމަލާތް ކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!