މި އަހަރުގެ މިހާތަނަށް 89 ކިލޯގެ މަސްތުވާތަކެތި އަތުލެވިފައިވާއިރު، އެ ތަކެތީގެ މަގުމަތީގެ އަގު 74.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި 89 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި މާޗު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހިންގި 14 މައްސަލައެއްގައި އެކަނިވެސް 38.18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މުއްދަތުގައި އަތުލައިގަތް ތަކެތީގެ އަގު ގާތްގަނޑަކަށް 35 މިލިއަން ރުފިޔާއަށް އަރައެވެ.
މާޗު މަހުގެ ތެރޭގައި އަތުލައިގަތް ތަކެތީގެ ތަފްސީލް ދެއްވަމުން ވަޒީރު ވިދާޅުވީ، އޭގެ ތެރޭގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.2 ކިލޯގެ ހަޝިޝް އޮއިލް އާއި ވައިގެ މަގުން އެތެރެކުރަން އުޅުނު 6.5 ކިލޯގެ ކެނަބިސް ހިމެނޭ ކަމަށެވެ.
މިއީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދިފައިވާ ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ އިތުރުން، ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު އެހެނިހެން ތަކެތިވެސް ކަސްޓަމްސް އިން ވަނީ ހިފަހައްޓާފައެވެ. އެގޮތުން 2003 ވޭޕް ސްޓިކް އާއި، ސިއްރުން އެތެރެކުރަން އުޅުނު 19 ކިލޯގެ ދުންފަތުގެ އިތުރުން 99,500 އަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިފަދަ ތަކެތި އަތުލައިގަތުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ދާޚިލީ ވުޒާރާއިން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!