އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕުން، ހަނގުރާމައިގެ ހާލަތުގައި އޮތް އީރާނަށް ލިބިފައިވާ ޖާގަ އަތުލައި، އެ ޖާގަ އިޓަލީއަށް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބަކު ފީފާއަށް ގޮވާލައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފަށާފައިވާއިރު، މިވަގުތު ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާބަދަލުކުރުން ވަނީ މެދުކަނޑާލާފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އިއުލާން ކުރި ގޮތުގައި، މަޝްވަރާތައް ވަކި ގޮތަކަށް ނިމެންދެން މި މުއްދަތު އިތުރުކުރުމަށް ވަނީ ނިންމަވާފައެވެ.
މި ހަނގުރާމައިގެ ސަބަބުން، 2025 ވަނަ އަހަރުގެ މާޗް މަހު ވޯލްޑް ކަޕަށް ކޮލިފައިވި އީރާނަށް މުބާރާތުގައި ބައިވެރިވެވޭނެތޯ ވަނީ ސުވާލު އުފެދިފައެވެ. ޑިސެމްބަރު މަހު ބޭއްވި ގުރުއަތުލުމުގައި އީރާން ހިމެނުނީ ބެލްޖިއަމް، މިސްރު އަދި ނިއުޒީލެންޑާއެކު ގްރޫޕް 'ޖީ' ގައެވެ. އީރާނުން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެގައުމުގެ މެޗުތައް އެމެރިކާގެ ބަދަލުގައި މެކްސިކޯއަށް ބަދަލުކޮށްދިނުމަށް ފީފާގައި އެދިފައެވެ.
ނަމަވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި ހުށަހެޅުމަށް އިންކާރު ކުރައްވާފައިވާއިރު، އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޔާމަލީ ވިދާޅުވީ މެޗުތައް ބަދަލުކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އީރާނުން ބައިވެރިވާނެ ކަމަށާއި، އެންމެ ފަހުގެ ނިންމުން ނިންމާނީ އެގައުމުގެ ސަރުކާރުން ކަމަށެވެ.
މި މައްސަލައިގެ ތެރެއަށް ރައީސް ޓްރަމްޕްގެ ޚާއްސަ މަންދޫބު ޕައޮލޯ ޒަމްޕޮލީ ވަދެ، އީރާނުގެ ބަދަލުގައި އިޓަލީއަށް އެ ޖާގަ ދިނުމަށް ދަނީ މަސައްކަތްކުރަމުންކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
"އީރާނުގެ ބަދަލުގައި އިޓަލީ ހިމެނުމަށް ޓްރަމްޕާއި އިންފަންޓީނޯއަށް އަހަރެން ހުށަހެޅިން،" ޓްރަމްގެ މަންދޫބު ޒަމްޕޮލީ ބުނެފަވެއެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، މިއީ ޓްރަމްޕާއި އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތެކެވެ. ދެ ބޭފުޅުންގެ ގުޅުން ހީނަރުވީ ހިޖުރަވެރިންގެ މައްސަލައިގައި ޕޯޕް ލިއޯ ދެއްކެވި ވާހަކަފުޅުތަކަށް ޓްރަމްޕް ހަރުކަށިކޮށް ރައްދު ދިނުމާއި ގުޅިގެންނެވެ.
މި ހުށަހެޅުމާ ގުޅޭގޮތުން ފީފާއިން ނުވަތަ ކަމާބެހޭ ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މާޗް މަހު ޓްރަމްޕް ކުރި ޕޯސްޓެއްގައި އީރާނު ޓީމުގެ ސަލާމަތާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާތީ، މިއީ ސީރިއަސްކޮށް ބަލަމުންދާ މައްސަލައެއްކަމަށް ބެލެވެއެވެ.
އިޓަލީއަކީ ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓީމަކަށް ވީނަމަވެސް، މިފަހަރުގެ މުބާރާތަށް އެގައުމު ކޮލިފައިވެފައެއް ނުވެއެވެ.
އެމެރިކާއިން އީރާނަށް ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ގެއްލުވާލަން މަސައްކަތް ކުރަމުން އަންނައިރު، އެ ގައުމުން އިއްޔެ ބުނެފައި ވަނީ މުބާރާތް ކުޅުމަށް ތައްޔާރަށް އޮތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!