ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފު ޒާކިރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހަކީ ސަރުކާރުން ކުރަމުންދިޔަ މަޝްވަރާތަކެއްގެ ތެރެއިން "އެހުމުން ވައްކަންކޮށްގެން" ހުށަހަޅާފައިވާ ބިލެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ތުހުމަތުކުރަށްވައިފިއެވެ.

ޝުޖާއު މިހެން ވިދާޅުވީ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ، އެ ނެގި ބާވަތުން (ޑޮލަރުން ނަމަ ޑޮލަރުން) މުވައްޒަފުންނަށް ދިނުމަށް ލާޒިމުކޮށް މައުރޫފް މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުންނެވެ.

Ad
d

މަޖިލީހުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޝްވަރާ ކުރާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ ބައެއް މައުލޫމާތު އެމްޑީޕީގެ ބައެއް މެންބަރުންނާ ވެސް ހިއްސާކުރެވިފައިވާނެ ކަމަށާއި، މައުރޫފް ހުށަހެޅުއްވި އިސްލާހަކީ އެ ދެކެވުނު ވާހަކަތަކުގެ ތެރެއިން ނަކަލުކޮށްފައިވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޝުޖާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ސާވިސް ޗާޖުގެ މައްސަލައިގެ އިތުރުން މުވައްޒަފުންގެ ގްރޫމިންގ ސްޓެންޑަޑާ ގުޅޭ މުހިންމު ބަދަލުތަކެއް ވެސް ހިމެނެއެވެ.

"މިއީ އިއްޒަތްތެރި މެންބަރު އަޅުގަނޑުމެން ދެއްކި، ދެކެވުނު ވާހަކައިގެ ތެރެއިން އެހުމުން ވައްކަންކޮށްގެން ހުށަހަޅާފައިވާ އިޞްލާޙެއްކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކޮށްލަން،" ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން މައުރޫފް ހުށަހެޅުއްވި ބިލަކީ އެކަށީގެންވާ ދިރާސާއެއް ނެތި ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ބިލްތައް ހުށަހަޅާއިރު ރިސޯޓުތަކުގެ މުވައްޒަފުންނާ ސީދާ މަޝްވަރާ ކުރަންޖެހޭ ކަމަށާއި، ނަމަވެސް މި ބިލަކީ ވަކި ޖަމާއަތަކުން ނުވަތަ "ހޮޅި އެންޖީއޯ" އަކުން ދޭ މައުލޫމާތަށް ބިނާކޮށް ހުށަހަޅާފައިވާ ކަމެއް ކަމަށެވެ. އަދި ނިމިދިޔަ 19 ވަނަ މަޖިލީހުން ފާސްކުރި މިނިމަމް ވޭޖުގެ ސަބަބުން ރިސޯޓު މުވައްޒަފުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ސިޔާސަތަށް ބަދަލެއް އައިސްގެން ނޫން ކަމަށާއި، މިއީ ސިޔާސީ ބޭނުމަކަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށް ފުރިހަމަ ދިރާސާއަކާއެކު އިސްލާހުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
df

މެންބަރު މައުރޫފު ހުށަހެޅުއްވި ބިލުގައި މައިގަނޑު ދެ ކަމެއް ހިމެނެއެވެ. އެއީ ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޭން ވާނީ އެ ފައިސާ ނެގި ކަރަންސީން ކަމަށް ހެދުމާއި، ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ސާވިސް ޗާޖް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރުމެވެ.