މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް ހުސެއިން ޝަފީގު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، ޙުސެއިން ޝަފީޤް މިއަދުން ފެށިގެން ހަމަޖައްސާފައިވާކަމަށެވެ.
އެމްޕީއެލްގެ އައު ވެރިއަކަށް ހަމަޖެއްސި ޝަފީޤަކީ ކަނޑުދަތުރުފަތުރާ ގުޅޭ ކަންކަމުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައި، 10 އަހަރަށް ވުރެ ގިނަ ދުވަހު ކެޕްޓަނެއްގެ ގޮތުގައި ބޭރު ދަތުރުތައް ވެސް ކުރެއްވި ތަޖުރިބާކާރު މާސްޓާ މެރިނަރެކެވެ.
މެރިޓައިމް ސައިންސްގެ ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާ އާއި މާސްޓާ މެރިނާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (އަންލިމިޓެޑް) ހާސިލްކުރައްވާފައިވާ ޝަފީޤް ވަނީ އޭނާގެ މަސައްކަތުގެ ދާއިރާގައި ބަލްކް ކެރިއާ، ޖެނެރަލް ކާގޯ އަދި ހެވީ ލިފްޓް ފަދަ އެކި ބާވަތުގެ ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަންކަން ކުރެއްވުމުގެ އިތުރުން، ކޮވިޑް-19ގެ ދުވަސްވަރު އެމްޓީސީސީގެ "މަހާޖައްރާފު"ގެ ފުރަތަމަ ދިވެހި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެކި ކުންފުނިތަކުގައި މާސްޓަރެއްގެ މަގާމުގެ އިތުރުން ޗީފް އޮފިސަރު، ސެކަންޑް އޮފިސަރު އަދި ތާޑް އޮފިސަރުގެ މަގާމުތައް ފުރުއްވާފައެވެ.
އެމްޕީއެލްގެ ވެރިއަކަށް ޝަފީޤް އައްޔަނުކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން 6 އެޕްރީލް 2026ގައި މަގާމުން އިސްތިއުފާދެއްވުމުންނެވެ. އެމްޕީއެލްގެ އެމްޑީކަމަށް ރިޝްވާން ޢައްޔަނުކުރީ 5 ފެބްރުއަރީ 2025 ގައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އެންމެ ފުރަތަމަ އައްޔަނުކުރީ މުހައްމަދު ވަޖީހު އިބްރާހިމް އެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ 2 ފެބްރުއަރީ 2025 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!