މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބު ކުރީ ވެރިކަންކުރާ ޕީއެންސީންކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިދިޔަ އެމްޑިޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަންވެސް ކުރެއްވި މަޙްލޫފް މިފަދައިން ވިދާޅުވީ ރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަހްލޫފް ކުރެއްވި ޕޯސްޓުގައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރައްވައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.
"ލޯކަލް ކައުންސިލް އިންތިހާބު 581 ގޮނޑި އާއިއެކު ކާމިޔާބުކުރި ޕީއެންސީ ގެ ކެންޑިޑޭޓުނަށް މަރުހަބާ"އޭނާ ވިދާޅުވެފަވެއެވެ.
މީގެ އިތުރުން މަހްލޫފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ޕީއެންސީގެ މެންބަރުންގެ އިތުރުން ވޯޓު ދެއްވި ރައްޔިތުންނަށްވެސް މަރުހަބާ ދަންނަވާފައެވެ.
އޭނާ ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި ޕީއެންސީން 581 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީއަށް ލިބިފައިވަނީ 562 ގޮނޑިއެވެ.
އެހެން ޕާޓީތަކުން ހޯދި ނަތީޖާއަށް އަލިއަޅުއްވާލައްވަމުން މަހްލޫފް ވިދާޅުވީ އެމްޑީއޭ އިން 24 ގޮނޑި، ޖުމްހޫރީ ޕާޓީން 4 ގޮނޑި އަދި އަދާލަތު ޕާޓީން 6 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށެވެ.
މި ހިސާބުތަކަށް ރިއާޔަތްކުރައްވައި މަހްލޫފް ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީންކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!