މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ.
ވަޒީރު މި ޔަގީންކަން ދެއްވީ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވީ ދިވެހި ޙައްޖުވެރިންގެ އެންމެހާ އިންތިޒާމްތައް މިހާރު ފުރިހަމައަށް ނިމިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޙައްޖުވެރިންގެ ވިސާ ދޫކުރުމާއި، ސައުދީ އަރަބިއްޔާގައި ތިބޭނެ އެކޮމޮޑޭޝަން އަދި ފްލައިޓް ދަތުރުތަކުގެ އިންތިޒާމްތައް ހިމެނެއެވެ.
"ދިވެހިރާއްޖޭގެ ހައްޖުވެރިންގެ އެންމެހާ ކަންތައްތަކެއް ވަނީ ވަރަށް ފުރިހަމަކަމާ އެކުގައި ނިމިފައި. ވިސާ ވެސް ވަނީ މިހާރު އިޝޫކުރެވިފައި. އަދި އެކޮމޮޑޭޝަނާއި އެހެނިހެން ތައްޔާރީތައް، ފްލައިޓުގެ ދަތުރުތަކާ ހުރިހާ ކަމެއް ވެސް ވަނީ އިންތިޒާމުކުރެވިފައި،" ވަޒީރު ވިދާޅުވިއެވެ.
ޝެޑިއުލް ކުރެވިފައިވާގޮތަށް ތެލާއި ގޭހުގެ ޝިޕްމަންޓްތައް ރާއްޖެ އަށް އެބަ ގެނެވޭ: ޒަމީރު
ދިވެހި ޙައްޖާޖީން މިއަހަރު ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ފްލައިޓްތައް
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރާ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ޖުމްލަ ހަތަރު ފްލައިޓެއްގައި ޙައްޖާޖީން ފުރުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން:
ފްލައިޓް 1: 15 މޭ - 242 މީހުން (ސައުދިއާ އެއާލައިން)
ފްލައިޓް 2: 17 މޭ - 250 މީހުން (މޯލްޑިވިއަން)
ފްލައިޓް 3: 18 މޭ - 243 މީހުން (ސައުދިއާ އެއާލައިން)
ފްލައިޓް 4: 19 މޭ - 250 މީހުން (މޯލްޑިވިއަން)
މި އަހަރުވެސް ރާއްޖެއަށް ލިބިފައިވާ ޙައްޖު ކޯޓާގެ 50 އިންސައްތަ ނުވަތަ 500 ޙައްޖާޖީން ދަތުރުކުރާނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގައެވެ. ބާކީ ތިބި ޙައްޖާޖީން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ސައުދިއާ އެއާލައިންގައެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖެއިން ޙައްޖަށްދާ މީހުން ދާނީ "މައްކާ ރޫޓު"ގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް (ޒުލްހިއްޖާ މަހުގެ 9 ވަނަ ދުވަސް) ދިމާވަނީ މެއި މަހުގެ 26 ވަނަ ދުވަހަށެވެ. ޙައްޖުގެ އެންމެހާ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ޙައްޖު މިޝަން އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ފުރިހަމައަށް ކުރިއަށް ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!