ކ. ހުރާ ގެގެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ރޭ ގެއްލުންވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 12:30 ހާއިރު އެރަށު ''ނޫފަރު'' ގޭގެ ކޮޓަރިއެއްގައެވެ.
އެގެއިން ''ތިލަދުން'' އާއި ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ކޮޓަރީގައި ރޯވި އަލިފާން އާންމުންގެ މަސައްކަތުން ބައި ގަޑިއިރެއްހާ ތެރޭ ވަނީ ނިއްވާލާފައެވެ. ނަމަވެސް އެ ކޮޓަރީގައި ހުރި ސާމާނު އެއްކޮށްހެން އަދައި، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.
ހުރާގައި އަލިފާނުގެ ހާދިސާ ހިނގި ގޭގެ ކޮޓަރިތެރެ، އެ ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް ބޮޑު ގެއްލުމެއް ވެފައި، ފޮޓޯ: ކިޔުންތެރިއެއް
ރޯވި ކޮޓަރިއަކީ އެ ގޭގައި ފެމެލީ ރޫމެއްގެ ގޮތުގައި ބޭނުންކުރާ އަދި ހަދައި ނިންމިފަހުން ތިން މަހެއްހާ ދުވަސްވެފައިވާ ތަނެކެވެ. އެ ކޮޓަރީގައި ރޯވިއިރު ދެ ކުދިން އެ ކޮޓަރީގައި ނިދާފައި ތިއްބެވެ. އެ ދެ ކުދިން ސަލާމަތުން ކޮޓަރިން ނެރެފައިވާއިރު، އެ ކުދިން ނެރެވުނީ ވަރަށް އުނދަގުލުންކަމަށް އެގެއިން ވާހަކަދެއްކި މީހާ ބުންޏެވެ.
''ބޮޑަށް ބެލެވެނީ ކަރަންޓް ޝޮކެއްކަމަށް، މިއީ ހެދިތާ ތިން މަހެއްހާ ދުވަސް ވެފައިވާ ރޫމެއް، ރޫމުގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި'' އެމީހާ ބުންޏެވެ.
ހުރާގައި އަލިފާނުގެ ހާދިސާ ހިނގި ގޭގެ ކޮޓަރިތެރެ، އެ ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް ބޮޑު ގެއްލުމެއް ވެފައި، ފޮޓޯ: ކިޔުންތެރިއެއް
އަލިފާނުގެ ހާދިސާގެ ދުމުގެ އަސަރުކޮށްގެން އެގޭގައި ދިރިއުޅޭ އަންހެނަކު މާލެ ގެންގޮސް ވަނީ ފަރުވާ ދީފައެވެ. އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގުމުން ހުރާ ކައުންސިލުން ވަނީ އެގެއިން އެހީތެރިކަން ބޭނުންވި މީހުންނަށް ރަށު އެހެން ގެއިގޭގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!