އީރާނާއެކު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވެ، ހަނގުރާމައިން މިހާތަނަށް އީރާނުގެ މައްޗަށް ކުރި ހޯދިފައި ނުވާތީއާއިއެކު، އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިން ލިބޭ ގެއްލުންތައް ފޮރުވަން ހުއްޓައިނުލައި އަނގަތަޅަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮރްމޫޒް ކަނޑުއޮޅިން ވަދެނިކުމެވާ ހުރިހާ އުޅަނދެއް އެމެރިކާއިން ހުއްޓުވާނެކަމަށްބުނެ އިންޒާރުދީފިއެވެ.
ޓްރަމްޕްގެ "ޓްރޫތް ސޯޝަލް" މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކަނޑުއޮޅި ބަންދުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، މި ކަމުގައި އެހެން ޤައުމުތަކުންވެސް ބައިވެރިވާނެ ކަމަށެވެ. އަދި އެ ކަނޑުއޮޅިން އީރާނަށް މަންފާ ހޯދުމުގެ ފުރުޞަތު ނުދޭނެ ކަމަށްވެސް އޭނާ ބުނެފަވެއެވެ.
ހަނގުރާމަ ފެށުނު ފަހުން އީރާނުން ވަނީ ތެލާއި ގޭސް އުފުލާ މުހިންމު މަގުކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަދާފައެވެ. އަދި ބައެއް އުޅަނދުތައް ދޫކުރަމުން އަންނަނީ އީރާނުން ކަނޑައަޅާ ފީއެއް ދެއްކުމުންނެވެ.
އެހެންވެ، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުތަކުން ދަތުރުކުރާ އުޅަނދުތަކުގެ ތެރެއިން އީރާނަށް ޓެކްސް ނުވަތަ ފައިސާ ދައްކާ ކޮންމެ އުޅަނދެއް ހޯދައި ހުއްޓުވުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފަވއެވެ.
އިސްލާމްއާބާދުގައި ބޭއްވި ސުލްހައިހެ މަޝްވަރާތަކާ ބެހޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އީރާނުން އެ ޤައުމުގެ "ނިއުކްލިއާ އުންމީދުތައް" ދޫކޮށްލުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ޓްރަމްޕް އިތުރަށް ބުނެފައި ވަނީ، މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންތައްތަކަކީ އަސްކަރީ ހަމަލާތައް ކުރިއަށް ގެންދިއުމަށްވުރެ ރަނގަޅު ކަންތައްތަކެއް ނަމަވެސް، އީރާނު ފަދަ ''އިތުބާރު ނެތް''، އުނދަގޫ ބައެއްގެ އަތްމައްޗަށް ނިއުކްލިއާ ބާރު ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅީގައި ވަޅުލާފައިވާ މައިންތައް ނައްތާލުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އެމެރިކާގެ ސިފައިންނަށް ނުވަތަ އަމާންކަމާއެކު ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭ ކޮންމެ އީރާނު މީހަކަށް ހަރުކަށި އަދަބު ދޭނެ ކަމަށްވެސް އޭނާ ބުނެފަވެއެވެ.
ޓްރަމްޕް ދައުވާކުރާ ގޮތުގައި އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ބާރު މިހާރު ވަނީ ކެނޑިފައެވެ. އަދި އެ ޤައުމުގެ ރާޑަރުތަކާއި ވައިގެ ދިފާޢީ ނިޒާމުތަކަކީ މިހާރު އެއްވެސް ބޭނުމެއް ހިފޭ އެއްޗެއް ނޫން ކަމަށާއި، ޚާމަނާއީ އާއި ގިނަ ލީޑަރުން އަވާހަރަވެފައިވަނީ އެމީހުންގެ ނިއުކްލިއާ ދަހިވެތިކަމުގެ ސަބަބުން ކަމަށްވެސް އޭނާ ބުނެފަވެއެވެ.
އެމެރިކާގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، އެކަށީގެންވާ ވަގުތު އައުމުން އީރާނުން ބާކީ އޮތް މަދު މިންވަރުވެސް އެމެރިކާއިން ނައްތާލާނެ ކަމަށް ބުނެ ޓްރަމްޕް ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!