އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ މަނަވަރުތަކެއް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ތުރުކީގެ އަނަދޯލޫ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައަށްފަހު، އެމެރިކާގެ ކަނޑުގެ ސިފައިންގެ ބައެއް މަނަވަރުތައް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އެމެރިކާގެ ''އެކްސިއޯސް''ގެ ރިޕޯޓަރު ބާރަކް ރަވިޑްއާ ހަވާލާދީ އެމެރިކާގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި، މިއީ އީރާނާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި އެމެރިކާއިން އެޅި ފިޔަވަޅެކެވެ. ނަމަވެސް އީރާނުން މިކަމާއި ގުޅޭގޮތުން އަދި ވާހަކައެއް ނުދައްކައެވެ.
މިކަން ހިނގާފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން،
ޕާކިސްތާނުގެ މަސައްކަތުން މި ހަފުތާގެ ކުރީކޮޅު ވަނީ އެމެރިކާ އާއި އީރާނާ ދެމެދު ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ.
އީރާނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސާފުނުކުރާ ތެލާއި ގޭސް ސަޕްލައި ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް ބުރޫއަރައި، މުޅި ދުނިޔެއަށް ހަކަތައިގެ ބޮޑު ތަދެއް ވަނީ ކުރިމަތިވެފައެވެ.
އީރާނުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް އީރާނުގެ 3,000 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި އެމެރިކާގެ ސިފައިންގެ ތެރެއިން 13 މީހަކު މަރުވެ، ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!