ހދ. ކުރިނބީ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީއެންސީ އާއި އެމްޑީޕީގެ ކެނޑިޑޭޓުން ބަލިކޮށް، މިނިވަން ކެނޑިޑޭޓް ޢަލީ ވިޝާމް އެ ގޮނޑި ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، ޢަލީ ވިޝާމް، ސޫރަޖް، އިންތިޚާބު ކާމިޔާބުކުރީ ޖުމްލަ 234 ވޯޓާއެކުގައެވެ. މިއީ ސައްހަ ވޯޓުގެ 47.56 އިންސައްތައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ސިޔާހަށް ލިބުނީ 130 ވޯޓެވެ. އަދި މިހާރުގެ ކުރިނބީ ކައުންސިލްގެ ރައީސް ޕީއެންސީގެ ކެނޑިޑޭޓް ޢަބްދުﷲ އަސްލަމަށް ލިބުނީ 128 ވޯޓެވެ.

Ad
rt

ކައުންސިލްގެ ރައީސްގެ ގޮނޑި މިނިވަން ކެނޑިޑޭޓަކު ކާމިޔާބުކުރި ނަމަވެސް، ކުރިނބީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ގޮނޑި އާއި ކައުންސިލް މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.

އަންހެނުންނަށް ޚާއްޞަ ގޮނޑި އެމްޑީޕީގެ ފާތިމަތު ރިފާ ކާމިޔާބުކުރީ 238 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި ޕީއެންސީގެ ކެނޑިޑޭޓް ޒޫނާ ޢަބްދުލް މަތީނަށް ލިބުނީ 222 ވޯޓެވެ. މީގެ އިތުރުން ކައުންސިލް މެންބަރުކަމުގެ ގޮނޑި އެމްޑީޕީގެ ޢަބްދުﷲ ނާފިޒް ކާމިޔާބުކުރީ 247 ވޯޓާއެކުގައެވެ. އޭނާއާ ވާދަކުރި ޕީއެންސީގެ މުޙައްމަދު އަފްޒަލަށް ލިބުނީ 210 ވޯޓެވެ. އަފްޒަލް އަކީވެސް މިހާރު ހިނގާ ކައުންސިލްގެ މެންބަރެކެވެ. އެއިރު އަފްޒަލް ކައުންސިލް އަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް، މިދިޔަ މަޖިލިސް އިންތިހާބުގައި ވަނީ ޕާޓީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސްގެ މަގާމާއި އެކޮމެޓީގެ ހުރިހާ މެންބަރުންގެ ގޮނޑިވެސް ކާމިޔާބުކޮސްފައިވަނީ އިދިކޮޅު އެމްޑީޕީއިންނެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 567 މީހުން ތިބިއިރު، އޭގެ ތެރެއިން 508 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 89.59 އިންސައްތައެވެ. ވޯޓުލީ މީހުންގެ ތެރެއިން 492 ވޯޓަކީ ސައްހަ ވޯޓު ކަމުގައިވާއިރު، 16 ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.