އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ދިއްދޫ ކައުންސިލްގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެ ރަށު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު ކައުންސިލްގެ އެހެން ގޮނޑިތަކުގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ދިއްދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އުސްމާން ރަޝީދު އެވެ. އޭނާއަށް 1329 ވޯޓު ލިބިވަޑައިގެންފައިވާއިރު، މިއީ ވޯޓުލީ މީހުންގެ 56.03 އިންސައްތައެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ސިރާޖަށް ލިބިވަޑައިގަތީ 1043 ވޯޓެވެ.

Ad
rt

ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެގޮތުން އެންމެ ގިނަ ވޯޓު ހޯއްދެވީ 1297 ވޯޓާއެކު ޒުހުރާ މޫސާ އެވެ. ދެވަނަ ގޮނޑި ކާމިޔާބުކުރެއްވި ޒަހީރާ މުޙައްމަދު އަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. މި ގޮނޑިތަކަށް ވާދަކުރި ޕީއެންސީގެ ދެ ކެންޑިޑޭޓުން ކަމަށްވާ އާމިނަތު ނަހުލާއާއި ޢާއިޝަތު ޝަދީލާއަށް މި ގޮނޑިތައް ކާމިޔާބެއް ނުކުރެވުނެވެ.

ކައުންސިލް މެންބަރުންގެ ގޮނޑިތަކަށް ބަލާއިރު، އެމްޑީޕީގެ ފަތުހުﷲ މުޙައްމަދު 1238 ވޯޓާއެކު ގޮނޑިއެއް ކާމިޔާބު ކުރެއްވިއިރު، އެމްޑީޕީގެ މުޙައްމަދު ޒާހިރު ވަނީ 1110 ވޯޓު ހޯއްދަވައިގެން ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މި ދާއިރާއަށް ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުން ކަމަށްވާ ޢަބްދުﷲ މާހިރާއި މޫސާ ލަޠީފަށް ލިބިވަޑައިގަތީ ކުޑަ ތަފާތަކުން ނާކާމިޔާބީއެވެ.

ހއ. ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސާއި މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި، އެ ކޮމިޓީގެ ރައީސް ކަމުގެ މަގާމު ވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.

ދިއްދޫ ޑަބްލިއުޑީސީގެ ރައީސް ކަމަށް ދެ ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. މި މަގާމު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ބްލޫ ހައުސް، އާސިޔާ އަބްދުލްއަޒީޒް އެވެ. އޭނާއަށް ލިބިވަޑައިގަތީ 1,229 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 53.64 އިންސައްތައެވެ.

އާސިޔާއާ ވާދަކުރެއްވި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ބަޝީމާގެ، ފާތިމަތު ނަޝްއާއަށް ލިބިވަޑައިގަތީ 1,062 ވޯޓެވެ. އެއީ 46.36 އިންސައްތަ ވޯޓެވެ.

ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ޖުމްލަ ހަތް ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. މީގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެގޮތުން ނީލް ވިލާ، އައިޝަތު ނާހިދާ 1,235 ވޯޓާއެކު (15.58%) އެންމެ ކުރީގައި އޮތްއިރު، ފަޒާ، އައިޝަތު ޝިފާ ވަނީ 1,203 ވޯޓު (15.17%) ހޯދާފައެވެ. އަދި ފިތުރޯނުގެ، ފާތުމަތު ފިރުޝާނާ ވަނީ 1,201 ވޯޓު (15.15%) ކާމިޔާބުކޮށްފައެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އަލިތަރި، މޫމިނާ މުހައްމަދަށް 1,133 ވޯޓު (14.29%) ލިބިވަޑައިގަތްއިރު، ބިންމަތީގެ، އާމިނަތު ރަޝީދާއަށް ލިބިވަޑައިގަތީ 1,105 ވޯޓެވެ. މީގެ އިތުރުން އަމާޒު، ފަރީޝާ ހަސަނަށް 1,037 ވޯޓު އަދި ރަހުމާނީ ހިޔާ، އާމިނަތު ޝާހިދާއަށް 1,015 ވޯޓު ލިބިފައިވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 3174 މީހުން ތިބިއިރު، ވޯޓުލާފައިވަނީ 2467 މީހުންނެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 77.73 އިންސައްތައެވެ. ސައްޙަ ވޯޓުގެ ގޮތުގައި 2372 ވޯޓު ގުނާފައިވާއިރު، 95 ވޯޓަކީ ބާޠިލު ވޯޓެވެ.