މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަރުމާކުރެއްވި "މާލޭ ޓެކްސީ ލައިން" ގެ ޚިދުމަތް މިރޭ ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

"މާލެ ޓެކްސީ"ގެ ހިދުމަތް ފައްޓަވައި ދެއްވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

Ad
rt

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މިކަމަށް ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށުން، ފޮޓޯ: ރައީސް އޮފީސް

ރެއިން ފެށިގެން 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި މަޝްރޫޢުގައި ތިމާވެއްޓާ ރަޙުމަތްތެރި 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) ބޭނުންކުރާނެއެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން ތިން ސައިޒެއްގެ ކާރު ހިމެނެއެވެ. ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ހޮޓްލައިން ނަންބަރު 1655 ވެސް މިރޭ ވަނީ ތަޢާރަފުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މި ޚިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރޓ) އަޙްމަދު ސައުދީ ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނޭ ޚިދުމަތެއް ކަމަށެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށުން، ފޮޓޯ: ރައީސް އޮފީސް

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ސަރުކާރުން މި ޚިދުމަތް ފެށި ނަމަވެސް މިހާރު ޓެކްސީ ކުރާ ފަރާތްތަކުގެ މަސައްކަތަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މި ޚިދުމަތް އައްޑޫ ސިޓީއަށް ފުޅާކުރުމަށް ނިންމާފައިވާކަންވެސް ވަޒީރު އިޢުލާނުކުރެއްވިއެވެ.

ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ގެނެސްފައިވާ އައު އުޅަނދުތައް ބައްލަވާލައްވާފައެވެ.

މި ޚިދުމަތަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.