ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ގާއިމުކުރި 90 އޭޓީއެމްގެ ޚިދުމަތާއި އައު ބްރާންޗް ނެޓްވޯކް، ރާއްޖޭގެ 6 ރަށެއްގައި އެއް ވަގުތެއްގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މާލޭގެ ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އެއް ވަގުތެއްގައި 70 ޑޮލަރު އޭޓީއެމްއާއި ދިވެހި ރުފިޔާގެ 20 އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވާފައެވެ. މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ވީހާވެސް ގާތުން ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
"ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" މަޝްރޫޢު ކާމިޔާބީއާއެކު ނިންމާލުން
މި ޚިދުމަތްތަކަކީ ރައީސް ޑރ. މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދެވި "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" މަޝްރޫޢުގެ ދަށުން ގާއިމުކުރެވުނު ޚިދުމަތްތަކެކެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނިންމާލި މި މަޝްރޫޢަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން އެއް ސެލްފް ސަރވިސް ބޭންކިންގ ޔުނިޓް (އޭޓީއެމް) ގާއިމުކުރުމަށް އެންމެ 9 މަސްދުވަހުގެ ތެރޭގައި ހިންގި ބޮޑު މަޝްރޫޢެކެވެ.
މި ޚިދުމަތްތައް ލާމަރުކަޒު ކުރެވިގެންދިއުމާއެކު، ރަށްރަށުގެ ރައްޔިތުންނަށް އެމީހަކު ދިރިއުޅޭ ރަށުގައި ތިބެގެން ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފަރ ކުރުމުގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
ބީއެމްއެލްގެ ބްރާންޗް އަދި އޭޓީއެމް ވިއުގަ ފުޅާކުރުމުގެ މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!