އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރައްވައި، 1 އެޕްރީލް 2026 އިން ފެށިގެން އިތުރު ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުންދާ އުސޫލަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. މިގޮތުން 2026 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން، އެނދުމަތިކުރެވިފައިވާ (ބެޑްރިޑެން) ފަރާތްތަކާއި، ވީލްޗެއަރގައި ގެންގުޅެންޖެހޭ ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތަށް ގެނައުމަށް އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފިޒިކަލް ޑިސްއެބިލިޓީ، މެންޓަލް ޑިސްއެބިލިޓީ، އޯޓިޒަމް އަދި ޑައުންސިންޑްރަމް ހުންނަ ފަރާތްތަކަށްވެސް އައުޓް ޕޭޝަންޓް ޚިދުމަތަށް ދިއުމަށް މި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި ސިއްޙީ މަރުކަޒެއްގައި އެނދުމަތިކޮށްފައިވާ ބަލިމީހަކު އިތުރު ތަހުލީލަކަށް އެހެން މަރުކަޒަކަށް ގެންދަންޖެހޭ ހާލަތްތަކާއި، ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވާއިރު އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިއުމުގެ އިތުރުން ތެލެސީމިއާ ކުދިން އައުޓް ޕޭޝަންޓް ޚިދުމަތަށް ގެންދިއުމަށްވެސް އެމްބިއުލާންސް ބޭނުންކުރެވޭނެއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެމުންދާ އިމަރޖެންސީ ނުވަތަ ކުއްލި ހާލަތްތަކާއި، މައްޔިތުން އުފުލުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެއެވެ. މިއީ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން އެދެމުންދިޔަ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިންމެވުމަކީ ކަމާގުޅުންހުރި ދާއިރާތަކާ މަޝްވަރާކޮށް، ފަންނީ އަދި މާލީ ގޮތުން މިކަން ކުރިއަށްގެންދެވޭނެ ގޮތްތައް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދެވޭނެކަން ކަށަވަރުކުރުމަށްފަހު ނިންމެވި ނިންމެވުމެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!