އަންނަ މަހު ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިންތިޚާބުގައި ހއ. އިހަވަންދޫ ކައުންސިލަށާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަށް ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ޓީމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ތާއީދުކުރަށްވައި، އެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ނުކުންނަވައިފިއެވެ.
އިހަވަންދޫ ކައުންސިލަށް ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ޓީމަކީ އެރަށުގެ މިހާރުގެ ކައުންސިލް ރައީސް އަހްމަދު ޞަބާޙް ލީޑްކުރަށްވާ ޓީމެކެވެ. ''ރައްޔިތުންގެ ޓީމު'' ނަމުގައި ކެމްޕޭން ކުރާ މި ޓީމުގެ ކެމްޕޭނާއި ރަސްމީކޮށް މުހައްމާ ގުޅިވަޑައިގަތީ އިއްޔެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ސެނެޓަރެއްގެ ގޮތުގައި ވެސް މުހައްމާ އިއްޔެ އުފަންރަށް އިހަވަންދޫ އަށް ވަޑައިގެންނެވެމުން އެރަށު ބަނދަރު މަތިން އޭނާ އަށް ވަނީ ހޫނު މަރުޙަބާ އެއް ކިޔާފައެވެ.
''އަޅުގަނޑު މިހިރީ ރައްޔިތުންގެ ޓީމާއެކު، އަޅުގަނޑުގެ ތާއީދު އޮތީ އެޓީމަށް'' އިހަވަންދޫގައި ހުންނަވާ މުހައްމާ ''ތިލަދުން'' އަށް ވިދާޅުވެފަވެއެވެ.
މުހައްމާ ވަނީ ،މި ސަރުކާރުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަން ކުރަށްވާފައެވެ. މީޑިއާ އެންޑް ބްރޮޑްކާސްޓިން ގާނޫނުގެ ދަށުން އައު ކޮމިޝަން އުފެދި ބްރޯޑްކޮމް އުވެންދެން މުހައްމާ އެ މަގާމު ފުރުއްވިއެވެ.
މުހައްމާ އަކީ ރައީސް މުހައްމަދު މުޢިއްޒު އަށް ތާއީދުކުރަށްވައި، ރައީސް މުޢިއްޒަށް ޕީއެންސީގެ ޓިކެޓް ކަށަވަރުކޮށްދިނުމަށާއި، އެއަށްފަހު ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު އިންތިޚާބުކޮށްދެއްވުމަށް މަސައްކަތް ކުރަށްވާފައެވެ. އެއަށްފަހު އައި މަޖިލިސްގެ ޕީއެންސީ އިންތިޚާބުގެ ޕްރައިމަރީގައި މުހައްމާ ވާދަކުރެއްވިއެވެ. ނަމަވެސް އިހަވަންދޫ ދާއިރާގެ ޕީއެންސީ ޓިކެޓް ކާމިޔާބުކުރެއްވީ މިހާރުގެ މެމްބަރު އަހްމަދު ނަސީރު އެވެ.
ފިލްމީ ދާއިރާއިން ބޮޑު މަޝްހޫރުކަމެއް ހޯދި މުހައްމާ އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވީ 18 ވަނަ މަޖިލީހުގައެވެ. 17 އަދި 18 ވަނަ މަޖިލީހަށް ވެސް އޭނާ ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. 18 ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ހުވާކުރެއްވިތާ މަހެއްހާ ދުވަހުގެ ތެެރޭގައި މުހައްމާ ވަނީ އޭރުގެ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. ފަހުން ވެރިކަމުގެ ހަތަރު ވަނަ އަހަރު އޭނާ ވަނީ އޭރު މަޝްހޫރުވި 12 މެންބަރުންގެ ތެރޭގައި ހިމެނި، އޭރުގެ މަޖިލީހުގެ ރައީސް މަސީހް ވަކިކުރުމަށް ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ނުކުންނަވާފައެވެ.
ފަހުން މުހައްމާ ހުންނެވީ އެމްޑީޕީގައެވެ. އަދި 19 ވަނަ މަޖިލިސް އަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ވާދަވެސް ކުރެއްވިއެވެ. ފަހުން މުހައްމާ ވަނީ ''ހެދުނީ ގޯހެއް ކަމަށް ވިދާޅުވެ'' 29 ޖުލައި 2021 އެނބުރި ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!