ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1ގައި ޢިމާރާތްކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ބީ.އެމް.އެލްއާއި އެފް.ޑަބްލިއު ކޮންސްޓްރަކްޝަންގެ އިސްވެރިންނެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ހުޅުމާލެ ފޭސް 1ގައި ޢިމާރާތްކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ މަޝްރޫޢު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ޖުމްލަ 3,260 ހައުސިންގ ޔުނިޓް އެޅުމުގެ ބޮޑު މަޝްރޫޢެއް ވަނީ ފަށާފައެވެ.

މިއީ "ލީސް-ޓު-އޯން" ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

މި މަޝްރޫޢުގެ ދަށުން އެކި ކުންފުނިތަކާ ހަވާލުކޮށްގެން މަސައްކަތްތައް ދަނީ ކުރިއަށެވެ. އެގޮތުން ޗައިނާގެ ސީ.އެމް.އީ.ސީ އާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރާ 1,224 ޔުނިޓާއި، އާރް.ސީ.ސީ އާ ޙަވާލުކޮށްގެން ވިލިމާލޭގައި ތަރައްޤީކުރާ 300 ޔުނިޓްގެ ބިންގާ އަޅައި، ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ޗައިނާގެ ބީ.ޔޫ.ސީ.ޖީ އާ 1,190 ފްލެޓު އަދި އަމީން ކޮންސްޓްރަކްޝަނާ 364 ފްލެޓު އެޅުމަށް ވަނީ ހަވާލުކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި އިޖުތިމާޢީ ރައްކާތެރިކަމާއި ތަރައްޤީ ލިބޭނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންނެވެ. އެހެންކަމުން މި މަޝްރޫޢުތަކަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.