ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ވިލިމާލޭގައި ކުރިއަށްގެންދާ 300 ހައުސިންގ ޔުނިޓުގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ މިރޭ އަޅައިފިއެވެ.

މިކަމަށް މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ބީ.އެމް.އެލް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރް.ސީ.ސީ) ގެ އިސްވެރިންނެވެ.

މަޝްރޫޢުގެ ތަފްޞީލް

މި މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 17 ފަންގިފިލާގެ 3 ޓަވަރު ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޓަވަރުތައް ތަރައްޤީކުރަނީ ވިލިމާލޭގެ ފެހިކަން ނުގެއްލޭނެ ފަދަ ގޮތަކަށް ބަލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ކޮންމެ އެޕާޓްމަންޓެއްގައި 900 އަކަފޫޓުގެ ބޮޑުމިން ހުންނާނެ ކަމަށާއި، މިއީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ.

މިއީ "ލީސް-ޓު-އޯން" ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ މޮޑެލްއަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މުޅި މަޝްރޫޢުގެ ދަށުން ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި ޖުމްލަ 3,260 ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ އެކި ފަންތީގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. މީގެ ތެރޭގައި މެދުފަންތީގެ ޢާއިލާތަކަށް ބޭންކް މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ ޢާއިލާތަކަށް ސޯޝަލް ހައުސިންގ ފޯރުކޮށްދިނުން ހިމެނެއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުމާއެކު ރައްޔިތުންނަށް ލުއި ގޮތްތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ވިލިމާލޭ މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އާރް.ސީ.ސީ އާއެވެ.