ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ހުޅުމާލޭގައި ތަރައްޤީކުރާ 1،224 ހައުސިންގ ޔުނިޓްގެ ބިންގާ ރޭ އަޅައިފިއެވެ.

މިކަމަށް ހުޅުމާލެ ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ބީ.އެމް.އެލް އަދި މަޝްރޫޢުގެ ކޮންޓްރެކްޓަރ ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ޖުމްލަ 3،260 ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫޢެއްގެ ބައެކެވެ.

މީގެ މައިގަނޑު މަޤްޞަދަކީ "ލީސް-ޓު-އޯން" ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ އުޞޫލުން ރައްޔިތުންނަށް ލުއި ގޮތްތަކެއްގެ މަތިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ތެރޭގައި ތަފާތު ފަންތީގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރިއަލް އެސްޓޭޓް، ބޭންކް މޯގޭޖް، އަދި ސޯޝަލް ހައުސިންގް ހިމެނޭގޮތަށް ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމުގެ ދާއިރާގައި ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރުވެ، ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.